ރީރެޖިސްޓްރޭޝަނާ ގުޅޭ 361 ޝަކުވާ، ގިނައީ ރިޖެކްޓްވި ފޯމާ ގުޅޭ ޝަކުވާ

12 ޖުލައި 2023: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރެޖިސްޓާވި މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް 361 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

މި ލިސްޓު އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށެވެ.

އީސީން ބުނީ، ލިބުނު ޝަކުވާގެ ތެރޭގައި ގިނައީ ރިޖެކްޓްވި ފޯމުތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ. އަދި, އެ މީހާއަށް ނޭންގި އެ މީހާގެ ނަމުގައި ސައްހަ ނޫން ފޯމު ހުށަހަޅައިގެން ލިބިފައި ވަނީ ވަރަށް މަދު ޝަކުވާއެއް ކަމަށް އީސީން ބުންޏެވެ.

"ލިބުނު ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ޖަވާބު ދެމުން،" އީސީން ބުންޏެވެ.

އީސީން ބުނީ، ކޮމިޝަނުން ލަފާކުރަނީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމުކުރެވޭނެ ކަމަށެވެ. ދާއިމީ ލިސްޓު ގެޒެޓު ކުރުމަށް ފަހު އެ ލިސްޓަށް ދެން ބަދަލެއް ނުގެނެވޭނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ރީރެޖިސްޓާ ވުމަށް ހުށަހެޅި 50،047 ފޯމުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ބާކީ 11،284 ވަނީ ރިޖެކްޓް ވެފައެވެ.

އީސީން ބުނީ ރިޖެކްޓްވީ ފޯމުތަކުގެ ތެރޭގައި އެންމެ ގިނައީ އޮންލައިންކޮށް ހުށަހެޅި ފޯމު ކަމަށެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ރީ ރަޖިސްޓާ ވެފައިވާކަން ފާހަގަކޮށް އިދިކޮޅުން އަންނަނީ އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

އެކަމަކު، އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.

comment ކޮމެންޓް