އިޓާލިއަން ސެރީއާގައި ސަސުއޯލޯއިން ވަރުގަދަ ޔުވެންޓަސް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ޔުވެންޓަސްގެ މައްޗަށް ސަސުއޯލޯއިން ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަަމަ 11 އަށް ވެސް ޔުވެންޓަސްއިން ވަރުގަދަ ކުޅުންތެރިން ނެރުނެވެ.
އެ މެޗުގެ 12 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސަސުއޯލޯއަށް ފްރާންސް ފޯވަޑް އަރްމަންޑް ލޯރިއެންޓޭ ލީޑު ހޯދައިދީފައި ވަނިކޮށް، އޭގެ ނުވަ މިނެޓު ފަހުން ސަސުއޯލޯގެ އުރުގުއާއީ ޑިފެންޑަރު މަޓިއަސް ވިނާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. އެއާ އެކު އަނެއްކާ ވެސް ނަތީޖާ ހަމަހަމަވެގެން ދިޔައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ސަސުއޯލޯއިން ވަނީ އަލުން ލީޑު ހޯދައިފައެވެ. މެތައުސް ހެންރީކޭ ދިން ބޯޅައަކުން ސަސުއޯލޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިޓަލީ ފޯވަޑް ޑޮމިނިކޯ ބެރާޑީއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލާފައިވަނީ ޔުވެންޓަސް ގޯލުގެ ތިރީ ކަނަކަށެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ސަސުއޯލޯ ކުރީގައި އޮވެގެންނެވެ.
ސަސުއޯލޯއިން ވެސް ފުރުސަތުތަކެއް ތަނަވަސް ކުރަމުން ދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ގޯލެއް ޖަހައި އަލުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނިކޯލާ ފަގިއޯލީ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިޓަލީ ފޯވަޑް ފެޑެރީކޯ ކިއޭސާއެވެ.
އޭގެ ހަތަރު މިނެޓުފަހުން ސަސުއޯލޯ އިން ވަނީ އަނެއްކާ ވެސް ލީޑު ހޯދައިފައެވެ. ލޯރިއެންޓޭ ފޮނުވާލި ހަމަލާއެއް ޔުވެންޓަސްގެ ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ޝެޒްނީ މަތަކުރުމާ އެކު ލިބުނު ރީބައުންސް ބޯޅައިން ސަސުއޯލޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ފޯވަޑް އަންދްރޭ ޕިނަމޮންޓީއެވެ.
މެޗުގައި ސަސުއޯލޯއިން ޖެހި ހަތަރުވަނަ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. އެ ގޯލަކީ ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ފެޑެރީކޯ ގަޓީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގަޓީ، ކީޕަރު ޝެޒްނީއަށް ބޯޅަ ޖައްސާލި ނަމަވެސް، އޭނާ ހުރީ ގޯލު ލައިނާ ދުރުގައެވެ. އެހެންކަމުން އެ ބޯޅަ، ޔުވެންޓަސްގެ ގޯލުގެ ތެރެއަށް ވަނީ ވަދެފައެވެ.
އެ މެޗަށް ނުކުތް އިރު، ސަސުއޯލޯ ބަލިކޮށްގެން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ޔުވެންޓަސްއަށް އޮތެވެ. ޔުވެންޓަސް މި ވަގުތު އޮތީ ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް އިންޓަ މިލާން އަދި ދެވަނައިގައި އޮތް އޭސީ މިލާނަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. އޭގެ ތެރެއިން އިންޓަ އިން ހަތަރު މެޗު ކުޅެފައިވާ އިރު، އޭސީ މިލާނުން ވަނީ ފަސް މެޗު ކުޅެފައެވެ. އަދި ތިންވަނައިގައި އޮތް ލެޗޭއަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ޔުވެންޓަސް ބަލިކުރި ސަސުއޯލޯ މި ވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އެ ޓީމަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސަސުއޯލޯ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗަކުން މޮޅުވި އިރު، ތިން މެޗަކުން ވަނީ ބަލިވެފައެވެ.