ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހަސަން ލަތީފް ވެސް ވާދަކުރަނީ

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް -- ސަން ފޮޓޯ

މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފް ވެސް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އާންމު އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން މިއަދު ނިންމިއިރު، ޕާޓީގެ ރައީސްގެ މަގާމަށް ޝައުގުވެރިވާކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވައިފައެވެ.

"ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

https://sun.mv/182338

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އޭރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރެއްވި އިރު، އަމްރު ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކޮށްފައި ވަނީ ނަޝީދަށް ތާއީދުކުރުމާ ގުޅިގެންނެވެ.

އެއަށްފަހު ޕާޓީ އުފައްދާ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 15،800 ވޯޓެވެ.

މީގެ އިތުރުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް