ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ވާދަކުރަން ނިންމައިފި

ހުސައިން އަމްރު މުހައްމަދު ރަޝާދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވާދަކުރުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ބޭއްވި ވަގުތީ ކައުންސިލު ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި އަމްރު ފިޔަވާ އިތުރު ބޭފުޅަކު އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ހޮވަން ވެސް ވަނީ އެތެރޭގެ އިންތިޚާބެއް ބާއްވައިފައެވެ. އެފަހަރު ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ އިލްޔާސް ލަބީބެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އޭރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރެއްވި އިރު، އަމްރު ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކޮށްފައި ވަނީ ނަޝީދަށް ތާއީދުކުރުމާ ގުޅިގެންނެވެ.

އެއަށްފަހު ޕާޓީ އުފައްދާ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 15،800 ވޯޓެވެ.

މީގެ އިތުރުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.

އެތެރޭގެ އިންތިޚާބު ބޭއްވުމަަށް ފާސްކޮށްފައި ވަނީ ކައުންސިލްގެ 35 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ތާއީދާ އެކުއެވެ.

comment ކޮމެންޓް