އޭވިއޭޝަން ދާއިރާގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ރައީސް ނިންމަވައިފި

މޯލްޑިވިއަންގެ ކްރޫ--- ފޮޓޯ: މޯލްޑިވިއަން

ޕައިލެޓުންނާއި، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިިފިއެވެ.

މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ނިންމެވުމާ އެއްގޮތަށް ވަރަށް އަވަހަށް މުސާރަތައް ބޮޑުވާނެ ކަމަށެވެ.

އޭވިއޭޝަންގެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާ ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއުކުރުމަށްޓަކައި މަސައްކަތްތަކެއް ފަށާފައި،"

"ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ޕައިލެޓުންނާއި، އިންޖިނޭރުންނާއި، އެއާ ކުރޫންނާއި، މިހެން ގޮސް މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރައިގެ ކުރިއެރުން ދިނުމުގައި ސަރުކާރުން ބަލަނީ އެއްވެސް ދާއިރާއެއް ބާކީނުކޮށް، އެންމެނަށް ހަމަހަމަ އުސޫލަކުން އެކަން ކުރުމަށް ކަމަށެވެ.

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް ބޮޑެތި ދާއިރާތަކުގެ މުސާރައަށް ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ވެސް ކުރިއެރުންތަކެއް ވަނީ ދީފައެވެ.

comment ކޮމެންޓް