ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ބައެއް ދަތިތަކާއި، ވޯޓު ލީ ފަރާތްތަކުންނާއި ޕާޓީތަކުން ކުރިމަތި ކުރުވި ބައެއް ޝަކުވާތަކަށް ބަލައި، ދެވަނަ ބުރަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.
އީސީން ދަރުބާރުގޭގާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލާއިރު ބޭނުންކުރާ ބޫތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"މިހާރު ފާހަގަ ޖަހާއިރު ފާހަގަ ޖަހާ މީހާ ތަންކޮޅެއް ބޫތުގެ އެތެރެއަށް ވަންނަ ކަހަލަ ޑިޒައިނަކަށް ބަދަލުކުރީ އެހެންވީމަ އޭނައަށް މަޖުބޫރުވާނެ އެތެރެއަށް ވަންނަން ފާހަގަ ޖަހާ ކަމަށްވާނަމަ،" ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ވޯޓުލާއިރު ފާހަގަ ޖެހުން ފަސޭހަ ކުރުމަށްޓަކައި، ބްރިސިލް ބޯޑެއް ވެސް ބާއްވާފައި އޮންނާނެ ކަން ވެސް ހަބީބު ފާހަގަ ކުރެއްވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 500 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާ 99 މަރުކަޒެއްގައި ވޯޓު ލާން ދެ ކިއު ހެދޭ ގޮތަށް ދެ ސެޓަޕަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން ކިޔޫގައި މަޑުކުރަން ޖެހޭ ވަގުތު މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބް ވިދާޅުވީ ރީރެޖިސްޓްރޭޝަނަށްފަހު މިހާރު 12 ފޮށި އިތުރު ކުރެވިފައި ވާ ކަމަށެވެ. އެއީ މާލޭގައި ހަތަރު ފޮށި، ހުލުމާލެ ފުރަތަމަ ފިޔަވަހީގައި ދެ ފޮށި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ފޮށި އަދި ވިލިމާލޭގައި އިތުރުވި އެއް ފޮށީގެ އިތުރުން ޓްތިވެންޑްރަމްގައި އިތުރުވި އެއް ފޮށި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކި ސަބަބު ތަކާ ހުރެ ކުރިން ވޯޓުލީ 43 މަރުކަޒެއް އެހެން ތަންތަނަށް ދެވަނަ ބުރަށް ބަދަލުކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
"މިކަން މި ކުރީ ކުރީބުރުގެ ތަޖުރިބާ އާ މީހުންގެ ޝަކުވާ އާ މި ކަންކަމަށް ރިއާޔަތް ކޮޮށްފަ. ވޯޓުލާ ބައެއް މަރުކަޒުތައް ހުރިގޮތުން މީހުންނަށް ދަތިވުމާއި، އަޅުގަނޑުމެން ބޫތު ބަހައްޓާފަ ހުންނަ އިރު، ކައިރި ވުމުގެ ސަބަބުން ފާހަގަ ޖަހާ ތަން ވެސް ފެނުމުގެ ފުރުސަތު އޮވެދާނެތީ އެޔައްވުރެ ރަނގަޅު މަރުކަޒަކަށް ބަދަލު ކުރަން ވެގެން،" ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން ދެވަނަ ބުރަށް އިތުރު ކުރި ވޯޓު ފޮށިތަކާއެކު 350 އިތުރު އޮފިޝަލުންވެސް އިތުރު ކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަހަރު 12 ފޮށި އިތުރުކޮށްފައިވާ ކަމަށާއި އެހެންކަމުން ޖުމްލަ ފޮށީގެ އަދަދު 574އިން 586އަށް އިތުރުވާނެ ކަމަށެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓާ ވެފައިވަނީ 42،867 މީހުންނެވެ. އަދި ދެވަނަ ބުރުގައި އެހެން ތަންތަނަށް ވޯޓުލުމަށް 50،047 ފޯމް ލިބިފައިވާ ކަމަށް ހަބީބު މިއަދު ވިދާޅުވިއެވެ.
ރީރެޖިސްޓާވި މީހުންގެ ލިސްޓު އިއްޔެ އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިރޭ 09:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.