ފަރުވާއަށް ފަހު އަދީބު އެނބުރި ރާއްޖެ ވަޑައިގެންފި

ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދެވުމަށް ފަހު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ކަރެކްސްޝަންސްގެ ބެލުމުގެ ދަށުން ފުލުހުންގެ ސެކިއުރިޓީއާ އެކު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ހަތަރު ފަހަރެއްގެ މަތިން ކަރެކްޝަންސްއިން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްފައެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން މައުލޫމާތު ދިން ގޮތުގައި ފަރުވާ އަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައި އޮއްވައި، އަދީބު މިރޭ އެނބުރި ރާއްޖެ ވަޑައިގަތީ ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައި ވާތީއެވެ.

އެ ޕާޓީން ބުނީ، ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބުގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދާނެ ކަމަށެވެ.

މިރޭ އެ މަނިކުފާނު އެނބުރި ވަޑައިގަތުމުން އެއާޕޯޓުން އަދީބަށް މަރުހަބާ ދެންނެވީ އެންމެ އަރިސް އެކުވެރިންނެވެ. ސަރުކާރުން އަދީބުގެ ބޭސްފަރުވާގެ ހުއްދަ ދެއްވައި، އެކަމުގައި ދެއްވަމުންދާ އެއްބާރުލުން ފާހަގަކޮށް، އަދީބުގެ އެމްޓީޑީން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަދީބު ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން ޖެހުނީ 2015 ވަނަ އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެކަށިގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުލިބުމުން ކަމަށް އެ މަނިކުފާނުގެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

މިހާތަނަށް އައި އިރުވެސް އަދީބު ޖޫރިމަނާ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

comment ކޮމެންޓް