ހައިކޯޓުގެ ފަނޑިޔާރުންނާ ގުޅުވާ ދޮގު ވާހަކަ ނުފެތުރުމަށް އެދިއްޖެ

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތަކާ އަދި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅުވާ ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެ ކޯޓުން އެދިއްޖެއެވެ.

އެ ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ، ހައިކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ވާހަކަތައް ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައިކޯޓުން ނެރުނު ބަޔާނުގައި ވަނީ، ރާއްޖޭގެ ގާނޫނުން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ އަނެކާގެ ހައްގުތަކާއި މުޖުތަމަޢުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކޮށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އެހެންކަމުން ޤާނޫނުގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލުތަކާ ޚިލާފަށް، ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް، އަދި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފަތުރަމުން ނުގެންދިއުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވަން،" ހައިކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.

ދޮގު ޚަބަރު ފެތުރުމުގެ ވާހަކަ މި ދުވަސްވަރު ގަދައަށް ދެކެވޭ އިރު، ބޭރުގެ ބައެއް ހައިކައިކޮމިޝަންތަކުން ވެސް ވަނީ އެ ކޮމިޝަންތަކާ ގުޅިގެން ދެކެވޭ ވާހަތައް ދޮގުކޮށް އެކަން ކުށްވެރި ކޮށްފައެވެ.

އަދި، ދޮގު ވާހަކަ ފެތުރުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވެސް މީގެ ކުރިން ވަނީ އެކަން ހުއްޓުވުމަށް ހަރަކާތްތެރިވާން ފަށާފައެވެ.

https://sun.mv/181993

ނަމަވެސް، އެއްވެސް ނޫހަކާ މެދު މިހާތަނަށް ފިޔަވަޅެއް އެޅިކަން އެމްއެމްސީން ހާމަ ކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް