ދޮގު ޚަބަރު ހުއްޓުވުމަށް އެމްއެމްސީން ހަރަކާތްތެރިވާން ފަށައިފި

މީޑިއާ ކައަންސިލްގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މީޑިއާ ކައުންސިލް

އޮންލައިން ނޫސްތަކާއި އެކި މީޑިއާ ޕްލެޓްޕޯމްތަކުގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިންޑިއާ ހައިކޮމިޝަނާ ގުޅުވާ ނުވަތަ އިންޑިއާ ސިފައިންނާ ގުޅުވާ ދޮގު ޚަބަރު ފަތުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް އިންޑިއާ ހައި ކޮމިޝަނުން ވެސް ވަނީ އިއްޔެ އެދިފައެވެ. މިކަމާ ގުޅިގެން އެމްއެމްސީގެ ރައީސް އަޙްމަދު މުޞްޠަފާ "ސަން"އަށް ވިދާޅުވީ، އިއްޔެ އެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ދޮގު ޚަބަރު ފަތުރާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

"ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނެނީ މައްސަލަތަކުގައި ވަންވީ ގޮތެއް ބެލުން ދެއްތޯ. ދެން އިއްޔެގެ ކައުންސިލް ޖަލްސާގައި ވަރަށް ދިގުކޮށް ބަހުސްކޮށްފައި ނިންމީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް، މައުލޫމާތުތައް ހޯދާ ފިޔަވަޅެއް އެޅޭނެ ގޮތެއް ހޯދުން،" އޭނާ ވިދާޅުވިއެވެ.

މުޞްޡަފާ ވިދާޅުވީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެ ކައުންސިލްގެ މައްސަލަ ބަލާ ކޮމިޓީއާ އެކު ވެސް ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި މަޝްވަރާތައްކޮށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅެއް އަޅަންޖެހޭ ނަމަ ވީ އެންމެ އަވަހަކަށް ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޞްޠަފާ ވިދާޅުވީ ދޮގު ޚަބަރު ފެތުރުމަކީ އަބަދު ވެސް ކޮންމެވެސް ވަރަކަށް ހިނގާ ކަމެއް ކަމަށެވެ.

"އެހެންނަމަވެސް އެކަން ހުއްޓައިލަން އަޅުގަނޑުމެން މުޅި ކައުންސިލުން މި ގޮވާލަނީ،" އޭނާ ވިދާޅުވިއެވެ.

ދޮގު ޚަބަރު ފެތުރުމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން އިއްޔެ ވަނީ ރާއްޖޭގެ މީޑިއާއަކުން ލިޔެފައވާ ދޮގު ޚަބަރު ތަކެއްގެ ސްކްރީން ޝޮޓްތައް ޓުވިޓާ (އެކްސް)ގައި ހިއްސާކޮށްފައެވެ.

އެގޮތުން ވިސާ ހޯދަން އިންޑިއާ އެމްބަސީއަށް ދާމީހުން ވޯޓު ލަނީ ކާކަށްތޯ އޮޅުން ފިލުވާ ވާހަކައާއި އެމްއެންޑީއެފް އަދި އިންޑިއާ ހައި ކޮމިޝަނުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކަމަށް ދެކެވޭ ވާހަކަތަކުގެ އިތުރުން ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ރައްޔިތުން ގާތުން ވޯޓު ދޭ މީހެއް އޮޅުންފިލުވަން މަސައްކަތް ކުރާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރުތައް އެ ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ.

މިފަދަ ޚަބަރުތައް ފަތުރާ މީހުނަށް ރަނގަޅު ތެދު ޚަބަރު ލިޔުމަށް ނަސޭހަތްތެރިވުމަށް އެމްއެމްސީއަށާއި ފޮރިން މިނިސްޓްރީއަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް