ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރެޖިސްޓާވި މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ރޭ 09:00އިން ފެށިގެން މާދަމާ ރޭ 09:00އާ ހަމައަށެވެ. މި ރަޖިސްޓްރީ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައި ވާނެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ، ވޯޓު ލާން ރަޖިސްޓްރީ ކޮށްފައި ވާތަން VR (space)IDNO ޖެހުމަށް ފަހު 1414އަށް އެސްއެމްއެސް ކުރުމުން ވެސް ވޯޓު ލުމަށް ރެޖިސްޓާ ކޮށްފައިވާ ތަން ފެންނާނެ ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ، މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ގެންދާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.
ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އީސީން އިއުލާނުކޮށްފައިވާ ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓާ ވެފައިވަނީ 42،867 މީހުންނެވެ. އަދި ދެވަނަ ބުރުގައި އެހެން ތަންތަނަށް ވޯޓުލުމަށް 47،000 ފޯމް ލިބިފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ރީ ރަޖިސްޓާ ވެފައިވާކަން ފާހަގަކޮށް އިދިކޮޅުން އަންނަނީ އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަޑު އުފުލަމުންނެވެ.