ޔާމީންގެ ވަކީލުންގެ ތުހުމަތު: ހައިކޯޓުގައި މައްސަލަ ލަސްކުރަނީ ދައުލަތުން ރާވައިގެން

ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މާވީ

ޖަލުގައި އޮންނެވި އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތައް ލަސްކުރަނީ ގަސްތުގައި ދައުލަތުން ރާވައިގެންކަމަށް އެ މަނިކުފާނުގެ ވަކީލުން ތުހުމަތުކުރައްވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ކެންސަލްކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިންނެވެ.

ކެންސަލްވި އަޑުއެހުން މިހާރު ތާވަލުކޮށްފައިވަނީ މި މަހުގެ 26ވަނަ ދުވަހަށެވެ.

މި ކަމާ ގުޅިގެން މިއަދު ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނަށް ވީތީ ތަކުރާރުކޮށް އެ ޝަރީއަތުގެ އެކި ކަންކަމަށް އެކި ނުފޫޒު ފޯރުވަމުން އަންނަކަމަށް ފާހަގަކުރެއްވޭކަމަށެވެ.

އެ ކަންކަމަކީ ގާނޫނާއި ގަވައިދުގައި ވަކި އުސޫލުތަކެއް ކަނޑައެޅިފައިވަނިކޮށް އެއިން ބޭރުން ކުރަމުން އަންނަ ކަންކަން ކަމަށް ތުހުމަތުކުރެއްވިއެވެ.

https://sun.mv/182266

"މިސާލަކަށް ފުރަތަމަ ކަމަަކަށް އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ރައީސް ޔާމީންގެ ކޮންމެ ޝަރީއަތަކާ ގުޅިގެން އެ ޝަރީއަތެއް ނިންމާ ފަނޑިޔާރު، އެ ފަނޑިޔާރަށް ހަގީގަތުގައި މަގާމުގެ ކުރިއެރުން ދޭ ދިނުން އަޅުގަނޑުމެންނަށް މި ފަހުގެ ޝަރުއީ ގެތަކުން ރާއްޖޭގެ އެއްވެސް ވެރިއަކު އެ ގޮތަށް ކަންތައް ކުރައްވައިފައި އޮތް ތަނެއް އަަޅުގަނޑުމެންނަށް ފެނިގެން ގޮސްފައެއް ނެތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ މާވީ

ޑރ. ޖަމީލް ފާހަގަކުރެއްވީ އެ މަނިކުފާނުގެ މައްޗަށް މީގެކުރިން އިއްވި ޖަލު ހުކުމުގެ މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިނާއި އާރަށުގެ މައްސަލަ ބެއްލެވި ގާޒީ އަހްމަދު ޝަކީލަށް ލިބުނު މަގާމުގެ ކުރިއެރުމެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ހައިކޯޓުގައި މިހާރު ހިނގަމުން އަންނަ މައްސަލަ އޮތީ ހުކުމަކާ ހަމައަށް ވާސިލްވެފައިކަމަށެވެ. ހުކުމް ނުކޮށް ލަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށާއި ކޮންމެ ގޮތަކަށް ނަމަވެސް ހުކުމް ނެރެދެއްވުމަށް ޑރ. ޖަމީލް އެދިވަޑައިގަތެވެ.

އޭރުން ދެން އަމަލުކުރަންވީ ގޮތެއް ވެސް ވަކީލުންނަށް ޔަގީންވާނެކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގެއަށް ބަދަލުކުރަން ވެސް ބޭނުމެއް ނުވޭ. މައްސަލަ ނިންމައިދޭން ވެސް ބޭނުމެއް ނުވޭ. މައްސަލައިގެ އަޑުއެހުންތައް ވެސް ބާއްވައިދޭން ބޭނުމެއް ނުވޭ. އެހެންވީމާ ސާފުކޮށް އެނގޭ އެއްޗަކީ ސަރުކާރުގެ ނުފޫޒު،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ގެއަށް ބަދަލުކުރަން ތަކުރާރުކޮށް މަސައްކަތްކުރުމުން ވެސް އެ ކަމުގައި ކާމިޔާބެއް ނުލިބުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އެ މަނިކުފާނު ފާޅުކުރެެއްވިއެވެ.

"ހުކުމް ތަންފީޒުކުރުން ލަސްކޮށްދިނުމަށްފަހުގައި ގެއަށް ފޮނުއްވައިދެއްވާށޭ. އެ ކަން ވެސް ކޮށްނުދިން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުން އިސްވެ ޝަރީއަަތް ލަސްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އެއާއެކު އެ މަނިކުފާނުވަނީ ޝަރީއަތްތައް ލަސްކުރުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ.

comment ކޮމެންޓް