ބިން ދޫކުރުމަށް ހުޅުމާލެ ފަޅު މިއަދު ހިއްކަން ފަށަނީ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު މިއަދު ހިއްކަން ފަށާނެކަމަށް އާބަންކޯއިން ބުނެފިއެވެ.

އަބަންކޯއިން ބުނީ، ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމަށް އޭރިއާ އޭ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑު އުޅަނދުތައް ނަގަން ތަކުރާރުކޮށް އެންގި ކަމަށެވެ.

ނަމަވެސް، ބައެއް އުޅަނދުތައް އަދިވެސް ނަގާފައި ނުވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން މިހާރު ދަނީ ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އާބަންކޯއިން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން މިދިޔަ މަހުގެ 17ގައި ވެސް އަންގާފައެވެ.

އެ ސަރަހައްދަކީ މިދިޔަ ސަރުކާރުގައި އެ ސަރަހައްދު ހިއްކި އިރު، މެރީނާއެއް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައި އޮތް ސަރަހައްދެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން އެ ސަރަހައްދުން 700 ގޯއްޗެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުނަށް ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދޫކުރަން މިހާރު ވަނީ ފަށާފައެވެ.

އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް