ނިއުދިއްލީ (21 ސެޕްޓެމްބަރު 2023): އިންޑިއާގެ ޕާލަމެންޓުގެ ތިން ބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުން ކަމަށް ހަމަޖެއްސުމަށް އިންޑިއާގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެތައް އަހަރެއް ވަންދެން ވަކާލާތު ކުރަމުންދިޔަ ދިޔުމަށް އެގައުމުގެ ޕާލަމެންޓްގެ ދަށުގެ "ލޮކް ސަބްހާ" އިން އެންމެފަހުން އާނބަސް ބުނެފިއެވެ.
"ލޮކް ސަބާ"ގައި ހިމެނޭ 545 މެންބަރުންގެ ތެރެއިން 33 އިންސައްތައަކީ އަންހެނުންކަމުގައި ހަމަޖެއްސުމަށް ގޮވާލާ ބިލް އިއްޔެ ވަނީ ފާސްކޮށްފައެވެ. ފާސްކޮށްފައިވަނީ މެންބަރުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. ތަޅުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން މި ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ދެ މެންބަރުންކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
"ލޮކް ސަބްހާ" ގައި އަންހެނުންނަށް ގިނަ ގޮނޑިތަކެއް ޚާއްސަ ކުރުމަށް މީގެކުރިން ފަސް ފަހަރެއްގެ މަތިން ފަސް ބިލެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ބިލެއް މީގެކުރިން ފާސްވެފައެއް ނުވެއެވެ. މި ފަހަރުގެ ބިލު ތަޅުމަށް ވެއްދީވެސް "ލޮކް ސަބްހާ"ގެ މެންބަރުންގެ ތާއީދު މިބިލަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ބިލް ފާސްވާނެކަމުގެ ޔަގީންކަން ލިބުމުންނެވެ.
އިންޑިއާއަކީ އާދަކާދައާއި ބޯދާ ފިކުރާއި އެއްބަޔަކު އެނެއް ބަޔަކާ ތަފާތުކުރާ ކާސްޓް ސިސްޓަމެއް އޮންނަ ގައުމަކަށްވާއިރު އަންހެނުންގެ ހައްގުތަކަށް އަރައިގަތުން އޮންނަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ. ގާނޫނުތަކުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށްދީފައި ވީނަމަވެސް މުޖްތަމައުގެ ތެރޭގައި އަންހެނުންގެ ހައްގުތަކާއި އެކަނބަލުންގެ އިއްފަތްތެރިކަމަށް އަރައިގަނެ ރޭޕްކުރުމާއި އަންހެން ކުއްޖަކަށްވާތީ މުޖްތަމައުގައި އެކުއްޖާ ނިކަމެތިކޮށްލުން އޮންނަނީ ވަރަށް އާންމު ކަމެއްގެ ގޮތުގައެވެ.
މިކަމުގެ ސަބަބުން ބައެއް އާއިލާތަކުން އަންހެން ދަރިން ބޭނުމެއްވެސް ނުވެއެވެ. އަންހެން ދަރިއަކަށް ބަލިވެއިންކަން އެނގުމުން އެދަރިފުޅު ވައްޓާލުމަކީވެސް އިންޑިއާގެ މުޖްތަމައުތަކުގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ.
"ލޮކް ސަބްހާ" ގައި ހިމެނޭ 545 މެންބަރުންގެ ތެރެއިން 33 އިންސައްތައަކީ އަންހެނުންކަމުގައި ހަމަޖެއްސުމަށް ގޮވާލާ ބިލް "ލޮކް ސަބްހާ" އިން ފާސްކުރިނަމަވެސް އެ ބިލް ގާނޫނަކަށްވާނީ ޕާލަމެންޓްގެ މަތިގެކަމަށްވާ "ރާޖްޔާ ސަބްހާ" ގެ އަޣްލަބިއްޔަތުން އެބިލް ފާސްކުރުމުންނެވެ. މި ބިލަށް "ރާޖްޔާ ސަބްހާ" ގެ މެންބަރުން ހޭލުންތެރިކުރުވުމާއި އެބޭފުޅުންގެ ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.
އެހެންކަމުން "ރާޖްޔާ ސަބްހާ" އިންވެސް މި ބިލް ފާސްކުރާނެކަމުގެ ޔަގީންކަން މިހާރު އެބައޮތްކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. "ރާޖްޔާ ސަބްހާ" ގެ މެންބަރުންގެ އަދަދަކީ 250 އެވެ.
މި ބިލް ގާނޫނަކަށްވާނީ "ރާޖްޔާ ސަބްހާ" ގެ އަޣްލަބިއްޔަތުން ފާސްކުރުމަށްފަހު އިންޑިއާގެ ރައީސް މިބިލް ތަސްދީގު ކުރެއްވުމުންނެވެ. މި ބިލް ގާނޫނަކަށް ވެއްޖެނަމަ މިއީ އިންޑިއާގެ ތާރީހުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދާ އެންމެ މުހިންމު ފިޔަވަޅުކަމަށް ވެގެންދާނެކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެއެވެ. މިކަމުގެ ހެޔޮ އަސަރު އަންހެނުންނަށް ކުރާނީ އާންމުންގެ ވިސްނުން ބަދަލުވެގެންކަމާއި ހަމައެކަނި ޕާލަމެންޓް ގެ 33 އިންސައްތަ މެންބަރުންގެ ގޮތުގައި އަންހެނުން ތިބުމަކީ އަންހެނުންގެ މައްޗަށް ހިންގޭ ބޭއިންސާފުގެ އަމަލުތައް ހުއްޓުމަކަށް އަންނާނެކަމެއް ނޫންކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
މި ބިލަށް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މި ބިލްގައި އަދިވެސް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ޕާލަމެންޓްގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރިނަމަވެސް އިންޑިއާއަކީ އެކިއެކި ދަރިކޮޅުތަކާއި އެކި ނަސްލުތަކުގެ މީހުން ދިރިއުޅޭ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށްވާއިރު މި 33 އިންސައްތައިގެ ތެރެއިން ނަސްލުތަކާއި ދަރިކޮޅުތަކަށް ޚާއްސަކުރާ ގޮނޑިތަކުގެ އަދަދު ނެތުމަކީ މައްސަލައެކެވެ.
މި އަދަދުތައް ނުހިމެނޭނަމަ އިންޑިއާގެ ބައިމަދު އަދި ނިކަމެތި ދަރިކޮޅުތަކުގެ އަންހެނުންގެ ހައްގުތައް ގެއްލި ބައިގިނަ ދަރިކޮޅުތަކުގެ އަންހެނުންގެ ބާރާއި ނުފޫޒު ޕާލަމެންޓްގައި ގަދަވެގެންދާނެކަން އެ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.