އަނިލް ކަޕޫރުގެ ހުއްދައާ ނުލާ އެކްޓަރުގެ ނަން އަދި އަޑު ބޭނުންކުރުމަކީ ޤާނޫނީ ކުށެއްކަމަށް ނިއު ދެއްލީގެ ހައިކޯޓުން ނިންމައިފިއެވެ.
އިންޑިއާގެ ނިއު ދެއްލީ ހައި ކޯޓުން މި ގޮތަށް ނިންމާފައިވަނީ އަމިއްލަ ޝަހުސިއްޔަތު ދިފާއުކޮށް ހިމާޔަތްކުރުމަށް އަނިލް ކަޕޫރު ހައި ކޯޓުގައި އެދުމާ ގުޅިގެންނެވެ.
މި ނިންމުމާއެކު އަނިލް ކަޕޫރުގެ ރުހުން ނެތި އެކްޓަރުގެ ނަން، ފޮޓޯ އަދި އަޑު ހިމެނޭގޮތަށް ވިޔަފާރީގެ އުސޫލުން އެއްވެސް މުޢާމަލާތެއް ބަޔަކު ކޮށްފިނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހައްޤު އަނިލް ކަޕޫރަށް ވަނީ ލިބިފައެވެ.
ޑިޖިޓަލް މީޑިއާގަ ބޮލީވުޑްގެ ފިލްމީ ތަރިންގެ އިތުރުން ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފޮޓޯއާއި އަޑު ބޭނުން ކުރުމަކީ ވަރަށް އާއްމުކަމެކެވެ. ފިލްމީ ތަރިންގެ ހުއްދަނެތި ވިޔަފާރީގެ އުސޫލުން އެ ތަރިން ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މިހާރު އޮންނައިރު ގިނަ ފިލްމީ ތަރިންވަނީ މި ޤާނޫނުގެ ދަށުން ޙިމާޔަތް ހޯދާފައެވެ. އޭގެތެރޭގަ އެކްޓަރު އަމީތާބު ބައްޗަން އަދި ޝާހްރުކް ޚާންފަދަ ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ތަރިން ހިމެނެއެވެ.
އަނިލް ކަޕޫރުގެ އަމިއްލަ ޝަހުސިއްޔަތަކީ ވަރަށް ގިނަ ދުވަހެއްގެ ބުރަ މަސައްކަތް ކަމަށާއި ނުހަމަގޮތުގައި އެކްޓަރުގެ ނަން ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދޭން ބޭނުން ނުވާކަމަށް އަނިލް ވަނީ ބުނެފައެވެ.
އަނިލް ކަޕޫރަކީ ހިންދީ ސިނަމާގެ ދުވަސްވީ ފިލްމީ ތަރިންގެތެރޭ ހިމެނޭ އެންމެ މަގުބޫލު އެއް އެކްޓަރަށް ވާއިރު އަނިލްގެ އައިކޮނިކް ގިނަ ފިލްމުތަކެއް މިއަދާ ހަމައަށްވެސް ބެލުންތެރިންގެ ހަނދާނުން ފޮހެ ނުލެވެއެވެ. ހަމައެއާއެކު އަނިލްގެ އަޑަކީވެސް އެހާ އައިކޮނިކް އަޑެކެވެ. އަނިލް ކަޕޫރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރ މަހު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "އެނިމަލް"އިންނެވެ.