ސިފައިންގެ އޮފިސަރުންނަށް ހާއްސަކޮށް ހުޅުމާލޭގައި ތަރައްގީކުރި ސިފްކޯ ހިޔާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.
މިއަދު ތަޅުދަނޑި ހަވާލުކޮށްފައިވަނީ އެ މަޝްރޫއުގެ ދަށުން ބިނާ ކުރި ތިން ޓަވަރުގެ ތެރެއިން "އޭ" ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ.
އެންމެ ފުރަތަމަ ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ ސިފައިންގެ ވެރިޔާ، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އޭނާގެ ނާއިބު، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
ސިފައިންނާއި، ފުލުހުންނަށް ޚާއްސަ ހައުސިން މަޝްރޫއެއް ހިންގުމަށް ނިންމައި، އެ ފްލެޓުތައް އިމާރާތް ކުރަން ފެށީ 2013ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް 2016ވަނަ އަހަރު އެ އެއްބަސްވުން ވަނީ އުވާލާފައެވެ.
ފަހުން، ސިފައިންގެ ފްލެޓުތައް ނިންމާފައިވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ފުލުހުންގެ ފްލެޓުތައް ނިންމީ އަމީން ކޮންސްޓްރަކްޝަންސް އިންނެވެ.
މި މަޝްރޫއުތަކުގެ ދަށުން އިމާރާތްކުރި ތިން ޓަވަރުގައި ޖުމްލަ 691 އެޕާޓްމެންޓު ހިމެނެއެވެ. އޭގެތެރެއިން ސިފައިންނަށް ހާއްސަކޮށްފައިވަނީ 330 ޔުނިޓެވެ. މި މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ 1100 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ.