އިންތިޚާބަށް ނުފޫޒު ފޯރުވުން ހައްލުކުރުމަށް ގާނޫނީ ބަދަލުތަކެއް ބޭނުންވޭ: އެޗްއާރްސީއެމް

ރިޔާސި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވޯޓަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރާކަން ފާހަގަކުރެވުނު ކަމަށާއި، އެކަން ހުއްޓުވުމަށް ގާނޫނީ އިސްލާހުތަކެއް ބޭނުންވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން [އެޗްއާރްސީއެމް] އިން ބުނެފިއެވެ.

އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮބްޒާވަ ކުރުމަށް ފަހު، ފާހަގަވި ކަންކަން ބަޔާންކޮށް ނެރުނު ބަޔާނުގައި ވާގޮތުން، ވޯޓު ގަތުމާއި، ވަކި ފަރާތަކަށް ތާއީދުކުރުމަށް ޝަރުތުކޮށް، ވަޒީފާ ދިނުމާއި ކުރިއެރުން ދިނުމުގެ ޝަކުވާތައް މީޑިއާއާއި، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ.

އެކަމުގައި އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާޅުކޮށްފައެވެ.

"ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މިކަންކަމަށް އެންމެ ފުރިހަމަ ހައްލުހޯދުމަށް ގޮންޖެހުން ހުރިކަން ފާހަގަކުރެވިފައިވެއެވެ. އަދި މިކަންކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މި ކޮމިޝަނުން ވަނީ މީގެކުރިން ވެސް ވަކާލާތުކޮށްފައެވެ." އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ވަނީ މިނިވަންކަމާއެކު ކެންޕޭނު ކުރުމުގެ ހައްގަށް ވެސް ހުރަސް އެޅޭ ފަދަ ކަންކަން ހިނގާފައިވާކަން ހާމަކޮށްފައެވެ.

އެގޮތުން ސުލްހަވެރި ބައެއް އެއްވުންތައް ރޫޅާލުމުގައި ފުލުހުން ގާނޫނުން ބޭރުން އަމަލުކުރާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެ ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓުގެ ސައްހަ ކަން ކަނޑައެޅުމަށް އީސީން ކަނޑައަޅާފައިވާ 48ގަޑިއިރުގެ މުއްދަތުގެ ތެރޭގައި، ރަޖިސްޓާކޮށްފައިވާ ފޮށީގެ ސައްހަކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ.

comment ކޮމެންޓް