ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސްކޮލާޝިޕް ފަންޑަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއަދު ފުރުސަތު ހުޅުވާލި މި ސްކޮލާޝިޕް ފަންޑުގެ މައިގަނޑު އަމާޒަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާއިން ހުނަރުވެރި ޒުވާނުންތަކެއް ބިނާ ކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ފަންޑުގެ އެހީގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރަކަށް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން، އެކައުންޓިން، ފައިނޭންޝިއަލް ޓެކްނޮލޮޖީ، ފައިނޭންޝިއަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝިއަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލުން ބުނީ މި ފަންޑަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންނަށްކަމަށެވެ. އަދި މި ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި، މަހުން މަހަށް ދޭ ސްޓައިޕެންޑްތަކާއި، ވިސާގެ ފީއާއި، ފޮތް ގަތުމުގެ ހަރަދުތަކާއި އެސްޓެބްލިޝްމެންޓް އެލްވަންސްގެ އިތުރުން ޓިކެޓް ޚަރަދުތައްވެސް ދަރިވަރުންނަށް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވެއެވެ.

މި ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު އަދި ބޭނުންވާ އިތުރު ލިޔެކިޔުންތައް [email protected] އަށް މިއަންނަ ނޮވެންބަރު މަހުގެ ރޭގަނޑު 11:59ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

މި ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް