ބޮޑެތި ބާރުތަކުގެ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރެއަށް ސްރީލަންކާ ނުވަންނާނެ: ރަނިލް

ރަނިލް ވިކްރަމަސިންހަ

ނިއުޔޯކް (20 ސެޕްޓެމްބަރު 2023): ދުނިޔޭގެ ބޮޑު ދެބާރުކަމަށްވާ އެމެރިކާ އާއި ޗައިނާއާ ދެމެދުގައި ހިނގާ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރެއަށް ސްރީލަންކާ ނުވަންނާނެކަން އެގައުމުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އދ.ގެ އާންމު ޖަމްއިއްޔާގެ 78 ވަނަ ސެޝަންގައި ތަގްރީރު ކުރައްވަމުން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ.

ރަނިލް ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދުގައި ހިނގާ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ އޮއިވަރު އޭޝިއާގައި ބޮޑުކަމަށާއި ސްރީލަންކާގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ޖިއޮޕޮލިޓިކަލް ގޮތުންނާއި އަސްކަރީ ގޮތުން ވަކި ގައުމެއްގެ ކޮޅަށްނުޖެހި، ސްރީލަންކާއަށް ބޭނުންވާ އިގްތިސާދީ ގުޅުންތައް ކޮންމެ ގައުމަކާއެކުވެސް ބަދަހި ކުރުމުގެ މައްޗަށް ކަމަށެވެ.

ޗައިނާއާ އަސްކަރީގޮތުން ދިމާކުރުމަށްޓަކައި އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާ ގުޅިގެން އޭޝިއާއާއި އޭޝިއާ ޕެސިފިކްގައި ހަރަކާތްތެރިވުމަށް އެމެރިކާ އުފައްދާފައިވާ އަސްކަރީ ޖަމާއަތްކަމަށްވާ އޯކަސް ޖަމާއަތުގެ އަމާޒަކީ އޭޝިއާގެ މަސްލަހަތާ ނުގުޅޭ ހުޅަނގުގެ ޖިއޮޕޮލިޓިކަލް އަމާޒެކެވެ. އޯކަސް އަށް އިޝާރާތް ކުރައްވައި ރަނިލް ވިދާޅުވީ އޯކަސްގެ ސަބަބުން އޭޝިއާ ބައިބައިވެދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމުގައެވެ.

މުހައްލިލުންގެ ނަޒަރުގައި އޯކަސް ޖަމާއަތަކީ މުސްތަގްބަލުގައި ނޭޓޯ އޭޝިއާއަށް ފުޅާކުރުމަށްޓަކައި ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން އެމެރިކާ އުފެއްދި އަސްކަރީ ޖަމާއަތެކެވެ. 2021 ވަނަ އަހަރު އެމެރިކާ މިޖަމާއަތް އުފެއްދީ އެމެރިކާއަށް އެންމެ ބޮޑަށް އިތުބާރުކުރެވޭ ދެގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމަނައިގެންނެވެ.

އިނގިރޭސިވިލާތަކީ ނޭޓޯގައި އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އޮސްޓްރޭލިއާ އަކީ ޕެސިފިކް ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގެ މައި ބޭސްތައް ހުންނަ ގައުމެވެ. މިދެގައުމަކީ އެމެރިކާގެ ދޮން ނަސްލުގެ ބޮޑުބައެއް އެ ދަރިކޮޅަކަށް ނިސްބަތްވާ އެންގްލޯ ސެކްސަން ދަރިކޮޅަށް ނިސްބަތްވާ ދެގައުމެވެ.

އޯކަސް ޖަމާއަތުގެ ބޭނުމަކީ ނޭޓޯ ޕްލަސްއަކަށް މަގުފަހިކުރުންކަމަށްވާއިރު އެޖަމާއަތުގެ ހަރަކާތްތައް އަމާޒުކުރަނީ ޗައިނާގެ ކުރިއެރުމަށް ހުރަސްއެޅުމާއި ޗައިނާ ހާސްކުރުމަށްޓަކައި އޭޝިއާއާއި އޭޝިއާ ޕެސިފިކްގައި އަސްކަރީ ހަރަކާތްތައް ހިންގުމަށެވެ. މީގެއިތުރުން އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ހަރަކާތްތަކަށް ފާރަލުމާއި ޗައިނާއަށް ޖާސޫސްކުރުންވެސް އޯކަސްގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ރަނިލް ވިދާޅުވިގޮތުގައި އޭޝިއާގެ ގައުމަކަށް ދުއްތުރާވާފަދަ އަދި އޭޝިއާ ބައިބައިވާފަދަ އަސްކަރީ އެއްވެސް ކަމެއްގެ ތެރެއަށް ސްރީލަންކާ ނުވަންނާނެއެވެ. ސްރީލަންކާގެ ސިޔާސަތަކީ ވަކި ކޮޅަކަށް ނުޖެހުމުގެ ސިޔާސަތެވެ. އަސްކަރީ އެލަޔަންސްތަކާ ދުރުވުމުގެ ސިޔާސަތެވެ.

ނަމަވެސް ސްރީލަންކާގެ އިގްތިސާދީ މަސްލަހަތުގެ މައްޗަށް ރިޔާއަތްކޮށްގެން އިގްތިސާދީ އަދި ވިޔަފާރީގެ ދުޅަހެޔޮ ގުޅުންތަކެއް އެމެރިކާއާއެކުވެސް އަދި ޗައިނާއާ އެކުވެސް ބާއްވާނެކަމަށް ރަނިލް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގައުމަކަށް އަސްކަރީ ފަސޭހަތައްދިނުމާއި އަސްކަރީ ގޮތުން ވަކިގައުމެއްގެ ކޮޅަށް ޖެހުމަކީ ސްރީލަންކާގެ ސިޔާސަތެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރެއަށް ސްރީލަންކާ ވެއްދުމަށް އެއްވެސް ފަރާތަކުން ބާރުނޭޅުމަށްވެސް ރަނިލް އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް