ޝުއައިބުގެ އާދޭސް ނަޝީދަށް: ބަރުލަމާނީއަށްޓަކައި އަނިޔާވެރިކަމަށް ރުޖޫއަ ވިޔަނުދީ

ރައީސް ނަޝީދާއި ފުރަހަނި ޝުއައިބު --

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކާ އަނިޔާވެރިކަމަށް ރުޖޫއަވިޔަ ނުދިނުމަށް، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރި މީހުންގެ ތެރޭގައި ހިމެނޭ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

މިހާރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގައި އިސްކޮށް ހަރަކާތްތެރިވާ ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ މަޝްރަހުގައި ރައީސް ނަޝީދާއި ޝުއައިބު އެކުގައި މަސައްކަތް ކުރި ދުވަސްތަކުގެ ހަނދާން އާކޮށްފައެވެ. އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ވެސް ރައީސް ނަޝީދުގެ އަރިހުން މާފަށް އެދޭކަމަށާއި އެކުގައި މަސައްކަތް ކުރެއްވި އިރު ރައީސް ނަޝީދުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުކީ އެކަކަކީ އޭނާ ކަމަށެވެ.

އެ ފާޑުކިޔުންތަކުގެ ސަބަބުން ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ހިތްތަކުގައި ޝުއައިބާމެދު ނުތަނަވަސްކަން އުފެދުނު ކަމަށާއި އެކަމަށްޓަކާ ނިހާޔަތަށް މައާފަށް އެދޭކަމަށް ޝުއައިބު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދާއި ފުރަހަނި ޝުއައިބު --

"ސިޔާސީ ގޮތުން މި ގައުމަށް ފަރުދީ ގޮތުން އަޅުގަނޑު ގެންނަން ބޭނުންވި އެތައް ބަދަލުތަކެއް ނުގެނެވި އެބަހުރި. ފަރުދީ ގޮތުން މަނިކުފާނު މި ގައުމަށް ގެންނަން ބޭނުންވި ބޮޑެތި ގިނަ ބަދަލުތަކެއް ހުންނާނެކަން ޔަގީން،" ޝުއައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން އެތައް ހާސް ރައްޔިތުންނެއްގެ ހިތްވަރާއެކު ނުކުމެ، ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް އޮތް އަނިޔާވެރިކަން ނައްތާލިކަމަށެވެ. އަދި ގައުމު އިސްލާހުކުރަން އެމްޑީޕީގެ ތިލަފަތް ރަމްޒުކޮށްދޭ ނިޝާން ދައްކައިގެން ފެށި އެ ބުރަ މަސައްކަތުގެ މަގުސަދަކީ ހަމައެކަނި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުން ނޫންކަމަށް ވެސް ޝުއައިބު ވިދާޅުވިއެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓު 2023/9/30ގެ ކުރިން ނެގުމުގެ ފުރުސަތު މަނިކުފާނަށާއި ޑިމޮކްރެޓްސްއަށް މިވަގުތު ފަހިވެގެން ނުދިއުމަކީ، އަނިޔާވެރިކަމަށް މަނިކުފާނު އެނބުރި ރުޖޫއަވާނެޖެހޭ ސަބަބެއް ނޫން،" ޝުއައިބު ވިދާޅުވިއެވެ.

https://sun.mv/182175

ވޭތިވެދިޔަ 20 އަހަރު އަނިޔާވެރިކަމުގެ ކުރިމަތީ އިސްނުޖަހާ އެމީހުނާ ދެކޮޅަށް މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ޝުއައިބު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ރައީސް ނަޝީދާއި ޑިމޮކްރެޓްސްއަށް އާދޭސް ދަންނަވާކަމަށް ވިދާޅުވެފައެވެ.

އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އޭނާ ރައީސް ނަޝީދާއި ޑިމޮކްރެޓްސްއަށް އިލްތިމާސްކުރާނީ ޒާތީ ތަޢައްސަބުން އެކަހެރިވެ އަނިޔާވެރިންނާ ދެކޮޅަށް ގައުމީ މަސްލަހަތު އިސްކުރުމަށް ކަމަށް ޝުއައިބުގެ ޓްވީޓުގައި ވެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން މަަސައްކަތް ކުރަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ޝުއައިބަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރެއްވި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު އޭނާ އެ ޕާޓީން ވަކިކުރީ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.

އެއަށްފަހު ޝުއައިބު އެމްޑީއޭއާ ގުޅުނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

comment ކޮމެންޓް