އިސްކަންދަރު މައިޒާން އާބާތުރަ ފިލުވައި އަލުން ހުޅުވައިފި

އިސްކަންދަރު މައިޒާން އާބާތުރު ފުލިވުމަށްފަހު އަލުން ހުޅުވައިދެއްވަނީ ----

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުވި އިސްކަންދަރު މައިޒާންގެ އާބާތުރަ ފިލުވައި އަލުން ތަރައްގީކޮށް މިއަދު ހުޅުވައިފިއެވެ.

އިސްކަންދަރު މައިޒާން އަލުން މިއަދު ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މައިޒާން ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހުޅުއްވައިދެއްވި އެ މައިޒާނަށް މި ސަރުކާރުން ވަނީ އަޅާ ނުލައި ވީރާނަވާން ދޫކޮށްލާފަ ކަމަށެވެ.

"ވެރިކަން ބަދަލުވެ އޭރުގަ ހެދިގެން ދިޔަ ހުރިހާ ޕާކުތަކެއްހެން ބެލެހެއްޓުން ނިމުމަކަށް އައިސް ތަންތަން ވީރާނަވާން ދާން ފެށި," މުއިއްޒު ވިދާޅުވިއެވެ.

އިސްކަންދަރު މައިޒާން އާބާތުރު ފުލިވުމަށްފަހު އަލުން ހުޅުވައިދެއްވުމަށްފަހު މުއިއްޒު އެތަން ބައްލަވާލައްވަނީ ----

މާލޭ ސިޓީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގަތުމަށްފަހު ހަލާކުވެ ވީރާނާވެފައި ހުރި އެތައް ޕާކްތަކެއްގެ އާބާތުރަ ފިލުވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ބޭނުމަކީ ކުޑަކުދިންނާއި އާއިލާތައް ހިތްފަސޭހަކޮށްލާނެ ތަންތަން މާލޭގައި ބެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްކަންދަރު މައިޒާން އާކޮށްފަ މިއަދު މި ހުޅުވިގެން ދަނީ," މުއިއްޒު ވިދާޅުވިއެވެ.

އިސްކަންދުރު މައިޒާނުގައި ކުޑަކުދިންނާއި އާއިލާތައް ހިތް ހަމަޖައްސާލަން ތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި ހުރި ގިނަ މައިޒާންތަކުގެ އާބާތުރަ ފިލުވަމުންދިޔަ ނަމަވެސް ބައެއް ތަންތަން މަރާމާތު ކުރުމަށް ބޮޑެތި ޚަރަދުތައް ހިނގާތީ ހުއްޓިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ސުނާމީ ބިނާ މައިޒާންގެ މަސައްކަތް ވެސް ނުފެށި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް