ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އިދިކޮޅު ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓުގެ ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު 2007 ވަނަ އަހަރު ބަދަލުކޮށްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށެވެ.
އެެހެންކަމުން ދެން ވެސް ރައްޔިތުން ނިންމާ ގޮތަކަށް އެ ނިޒާމު ބަދަލުކުރުމުގައި ޕީޕީއެމުން އެއްބަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޕީއެމުން ވަކި ނިޒާމެއް ޕްރޮމޯޓްނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތޭ. އެއީ އަޅުގަނޑުމެންގެ ނިންމުމަކީ،" ތޮލާލް ވިދާޅުވިއެވެ.
ނަމަވެސް އެ ވޯޓު ރިިޔާސީ އިންތިޚާބުގެ ކުރިން ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށާއި އިންތިޚާބުގެ ފަހުން އެ ކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަމަށް ތޮލާލް ވިދާޅުވިއެވެ. ނަމަވެސް މި ވަގުތު ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ރާއްޖެއަށް އެ ނިޒާމު އެކަށީގެންނުވާ ކަމަށް ޔާމީން ފާހަގަކުރައްވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"އެކަން ކުރެވޭނީ ވަރަށް ހަރުދަނާ ގާނޫނުތަކެއް މި ތަނަށް ގެނެސްގެން، އެ ގާނޫނުތައް ހަރުދަނާ ކަމާ އެކު އިމްޕްލިމެންޓުކުރެވޭ ކަމަށްވާނަމަ ބަރުލަމާނީއަށް ދިއުމަކުން މައްސަލައެއް ނެތޭ. އެކަމު އެ މާހައުލެއް މި ތަނަކު އަދިއެއް ނެތޭ. އެއީ ރައީސް ޔާމީން ވިދާޅުވެފައި އޮންނަ އެއްޗަކީ،" ތޮލާލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ތޮލާލް ވިދާޅުވީ ޑިމޮކްރެޓުން އަދި ރަސްމީ ގޮތެއް ނުނިންމާއިރު އެ ކަމަށް ޕީޕީއެމް/ޕީއެންސީން ރައްދު ދިނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށެވެ.
މިހާރު ވެސް ޕީޕީއެމުން އޮތީ މަޝްވަރާއަށް ހުޅުވައިލައިފައި ކަމަށާއި ޑިމޮކްރެޓުން ރޭ، ނިންމި ނިންމުމާ އެއްގޮތަށް ޕީޕީއެމް ލީޑާޝިޕުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
އަދި، އިދިކޮޅު ލީޑާޝިޕްގެ ނިންމުން ޑިމޮކްރެޓުންނަށް ހުށަހަޅައި، ކުރިއަށްދާނެ ގޮތެއް ބަލާނީ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެއްވެސް ބަޔަކާ އަޅުގަނޑުމެންނާ އެއްްކޮށް ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ އެއްވެސް ބަޔަކަށް ދޮރެއް ބަންދެއް ނުކުރާނަން. އަދިވެސް އަޅުގަނޑުމެންގެ ދޮރުތައް ހުޅުވިފައި ހުންނާނީ ވަކި ގޮތެއް ނުނިންމަވައި ތިއްބެވި ބޭފުޅުންނަށް ވެސް އަދި ވަކިކޮޅަކަށް ނާރުއްވަން ތިއްބެވި ބޭފުޅުންނަށް ވެސް އަދި ވެސް އަޅުގަނޑުމެންގެ ދޮރު ހުޅުވިފައި ހުންނާނީ އިނގޭތޯ،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އިދިކޮޅު ދެ ޕާޓީގެ ވިސްނުމުގައި، ރައީސް މުޙައްމަދު ނަޝީދާ އެއްބަސްނުވެވޭ ފިކުރުތަކެއް އެބަހުރި ކަމަށެވެ. އެއީ، ޕީޕީއެމްގެ އަސާސީ ގަބޫލުކުރުންތައް ކަމަށާއި އެ ކަންކަން ދޫނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިނިވަންކަން ކޮމްޕްރޮމައިޒެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ދީނީ ސިޔާސަތު ކޮމްޕްރޮމައިޒެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތު ކޮމްޕްރޮމައިޒެއް ނުކުރެވޭނެ. އަަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ވެސް،" ތޮލާލް ވިދާޅުވިއެވެ.