ހުޅުމާލޭގައި ޒަމާނީ ތެލެސީމިއާ ސެންޓަރެއް ގާއިމްކުރަނީ

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް -- ސަން ފައިލް ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ތެލެސީމިއާ ސެންޓަރެއް ގާއިމްކުރުމަށްޓަކާ ހުޅުމާލެއިން ބިމެއް ހޯދައި އެ ބިމުގައި މޯލްޑިވިއަސް ބްލަޑް ސާވިސަސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް މީހުން ރާއްޖޭން ބޭރަށް ފޮނުވުމަށް ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމި އިތުރު ފަސް މީހުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާ ވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލް ވުމަށް މަސައްކަތްތަކެއް ކުރަން ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަސް މީހުން ރާއްޖޭން ބޭރަށް ފޮނުވުމަށް ހެލްތް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތު

މިނިސްޓަރު ވިދާޅުވީ، އެ ސެންޓަރު ގާއިމް ކުރެވުމާއެކު ތެލެސީމިއާ ކުދިންގެ ޚިދުމަތްތައް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ. މީގެއިތުރުން އެ އިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކުގެ ޚިދުމަތް ގާއިމްކޮށް އެ ޚިދުމަތް ވެސް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތް ދޭ މަރުކަޒެއްގައި ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ ވެސް ވަރަށް ޚާއްސަ އިސްކަމެއްދީ، ބަލަމުން ގެންދާ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން އެ ޚިދުމަތް ދޭގޮތް ބަލައި ދިރާސާ ކޮށްފައި ވާކަމަށެވެ. މި މަސައްކަތުގެ އަލީގައި މިފަހަރު ބޯމްމެރޯ ހަދާކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަސް މީހުން ރާއްޖޭން ބޭރަށް ފޮނުވުމަށް ހެލްތް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތު

ތެލެސީމިއާ ފަރުވާ ހޯދުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކަމުގައި ވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީ ކުއްޖާ ބަލަހައްޓަން ޖެހޭނެއެވެ.

އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުން ދީ، ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް، ރާއްޖެ އައުމަށް ފަހުގައި ވެސް ގަވާއިދުން ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވްސް ބްލަޑް ސާވިސަސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ތެލެސީމިއާ ބަލީގައި މިހާރު ވެސް 650 ކުދިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާ ހޯދަމުން ދެއެވެ.

comment ކޮމެންޓް