ސިޔާސީ ޕާޓީތައް އުފައްދަން ފެށީ ރައްޔިތުންނަށް އޮޅުންފިލުވައިނުދީ: އާމިރު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ފެށީ ރައްޔިތުންނަށް އެކަން ރަނގަޅަށް އޮޅުންފިލުވައި ދިނުމެއް ނެތި ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގަ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ވޯޓަށް އެހުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން އާމިރު ވިދާޅުވީ، 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓު ނެގިއިރު ރައްޔިތުންނަށް ރިޔާސީ ނިޒާމަކީ ކޮބައިކަން ރަނގަޅަށް އޮޅުން ފިލުވައިދީފައިނުވާ ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމުގައި ރައްޔިތުންނަށް އޮޅުން ނުފިލާ ކަންކަން އެބަހުރި ކަމަށް އާމިރު ވިދާޅުވިއެވެ. އޭނާ ވަނީ ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށް ވެސް ޕާޓީ އުފެއްދުމުގެ ހައްގު ލިބިގެންވާ ކަން ފާހަގަކުރައްވާފައެވެ.

"ބާރަކީ ސިޔާސީ ބޭފުޅުންގެ އަތްމަތީ އޮންނަ އެއްޗެއް ނޫނޭ. ބާރަކީ ރައްޔިތުން އަތްމަތީ އޮންނަ އެއްޗެއް،" އާމިރު ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އެކުލެވިގެން ވަނީ ރައްޔިތުންގެ ކިބާގައި އަހާލުމެއް ނެތި ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެންމެ 100 މީހުން ހިމަނައިގެން ވެސް ސިޔާސީ ޕާޓީތައް އުފެއްދޭ ކަމަށާއި އެހެންނަމަވެސް މި ރާއްޖޭގައި ޕާޓީތައް އުފެއްދުމުގެ ފުރުސަތު ވެސް ހަނި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހައްގުތައް ހަނިނުކުރެވޭނެ ގޮތަށް ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް ލިބޭނެ ގޮތަށް މި ކަން ކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް،" އާމިރު ވިދާޅުވިއެވެ.

އެއާއެކު ނިޒާމީ ވޯޓާ ގުޅިގެން ހުށަހެޅުއްވި ގަރާރުގައި އެކަން ވެސް ހިމެނުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމީ ވޯޓަށް އެހިއިރު އެ ދާއިރާއަކުން 100 ޕަސެންޓު ވޯޓު ލިބުނު ހަމައެކަނި ރަށް ހިމެނެނީ އޭނާ ނިސްބަތްވާ ދ. އަތޮޅުގެ ރަށެއް ކަމަށްވާ ވާނި ކަމަށެވެ. އެހެންނަމަވެސް މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގައުމު މިއަދު މިއޮތް ހާލަތުގައި މިއޮތީ، 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓު ނެގިއިރު ރައްޔިތުންނަށް ރިޔާސީ ނިޒާމަކީ ކޮބައިކަން ރަނގަޅަށް އޮޅުން ފިލުވައިދީފައިނުވުމުގެ ސަބަބުން ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ 2004 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއިރު ގާނޫނުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރާ ގަރާރަކުން އެކަން ކުރެވިދާނެ ކަމަށާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ ވޯޓަކަށް ރައީސުލްޖުމްޙޫރިއްޔާއަށް ވެސް އެދެވޭނެ ކަމަށް އެބައޮތް ކަމަށެވެ.

"ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި އަޅުގަނޑުމެން ހިތަށް އެރީމައި ހިތަށް އެރިހާ ގޮތަކަށް ކަންތައް ކުރުން ރަނގަޅެއް ނޫން. ރައްޔިތުން ކައިރީ އަހައިގެން ކަން ކުރީމަ ރަނގަޅުވާނީ،" އާމިރު ވިދާޅުވިއެވެ.

އެގޮތުން ގާނޫނުގައި އެކަން އެ އޮތީ ހަމަގައިމު ވެސް ރައްޔިތުންގެ މުހިންމުކަން އިހުސާސް ކޮށްދިނުމަށްޓަކައި ކަމަށް އާމިރު ވިދާޅުވިއެވެ.

"މި ގައުމުގައި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ކުރަންވީ ރައްޔިތުންގެ ކައިރީ އަހައިގެން ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ ބެލުމަށް ފަހު،" އާމިރު އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް