ބައްދަލުވެއްޖެނަމަ، ޔާމީން މިނިވަންކުރުމުގެ މަސައްކަތް ކުރާނަން: ނަޝީދު

ނޮވެމްބަރު 17، 2013؛ ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު އެމަނިކުފާނާ ސަލާމް ކުރައްވައި ނަޝީދު މަރުހަބާ ވިދާޅުވަނީ-- ފޮޓޯ/ ރައީސް އޮފީސް

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ބައްދަލުކުރެވިއްޖެ ނަމަ، އެ މަނިކުފާނު މިނިވަންކުރުމަށް ދެން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ނަޝީދާއި އެ މަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީން އަންނަނީ އެހެން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކުގެ ތެރެއިން ޔާމީނާ އެކު މަޝްވަރާ ކުރަން ނިންމައި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވަނީ ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް ނިޒާމު ބަދަލު ކުރުމާ ބެހޭ މަޝްވަރާއަށް ނަޝީދު، ޔާމީނާ ބައްދަލުކުރައްވަން އެދިލެއްވި ނަމަވެސް އެ މަނިކުފާނު ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވާ މިއަދު ނަޝީދު ވިދާޅުވީ، މީގެ ކުރިން ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި އެ މަނިކުފާނު އުންމީދުކުރައްވަނީ އަދިވެސް ރައީސް ޔާމީނާ ބައްދަލުކުރެއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން ބައްދަލުވީމައި އަޅުގަނޑު ދެކޭ ގޮތުގައި ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.

ނަޝީދު، ޔާމީނާ ބައްދަލުކުރައްވަން ނިންމެވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އިޚްތިޔާރު ކުރުމާ ގުޅޭ ވޯޓެއް ނެގުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަތީ ޕީޕިއެމުން ބުނާ ޝަރުތުތަކަކާ އެކު ނުވަތަ ޝަރުތަކާ ނުލައި ނަމަވެސް ބަރުލަމާނީއަށް ތާއީދުކޮށް ކުރިއަށް ދާނަމަ އެކުގައި މަސައްކަތް ކުރުމަށެވެ.

މީގެ ކުރިން ނިޒާމީ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރެވެ. އެ އަހަރުގެ ވޯޓުގައި ޔާމީންގެ އޭރުގެ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭގެ ފަހުން ވެސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ. އެކަމަކު، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމު ރަނގަޅު ނަމަވެސް މި ވަގުތު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ފިޓެއް ނުވާނެއެވެ. އެހެންވެ، ނިޒާމު ބަދަލުކުރަން މިހާރު އެއްބަސްވެނުލައްވާ ކަމަށް ޔާމީން އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް