ވުން ނާދިރު ކަމަކަށް މިލިއަނުން ހޭދަކޮށް ވޯޓަކަށް އަހަންވީތަ؟

ބަރުލަމާނީ ނިޒާމް ޕްރޮމޯޓް ކުރުމަށް ފާރުގައި ގްރެފިޓީ ކުރަނީ-- ފޮޓޯ: ޑިމޮކްރެޓްސް

ގިނަ ސިޔާސީ ބޭފުޅުން އެހެން ހުރިހާ ކަމަކަށް ވުރެން ވިސްނަވާނީ އެ ބޭފުޅެއްގެ ސިޔާސީ ކުރިމަގަށެވެ. އެ ބޭފުޅަކަށް އާރާއިބާރު ލިބޭނެ ގޮތްތަކަކަށެވެ. ކުރުމަގަކުން ނަމަވެސް ބޭނުންވާނީ ވެރިކަމުގެ ބާރު ހޯއްދެވުމަށެވެ. މިއަދު ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ވެސް އެއީއެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އެއް ކޮޅަކުން މާ ބާރަށް ދައްކާ ސަބަބަކީ ވެސް އެއީ ކަމުގައި ވުން ވަރަށް ގާތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އެންމެ ޒަމާންވީ އެއް ހުވަފެނަކީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމެވެ. އެކަމަށް އެތައް ގޮތަކުން މަސައްކަތް ކުރައްވައިފިއެވެ. ނަމަވެސް އެހެން ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބަޔަކު އެކަމަށް މިހާތަނަށް އެއްބަސް ވެފައެއް ނުވެއެވެ.

އޭގެ އެއް މިސާލަކީ 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމުން އެމްޑީޕީއިން މަސައްކަތް ކުރީ ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ. އެކަމަށް އޭރު ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ލީޑަރު އަދި ފަހުން ރައީސްކަން ކުރެއްވި އަބްދުﷲ ޔާމީން ވެސް ތާއީދު ކުރެއްވިއެވެ. ނަމަވެސް ސިޔާސީ އެހެން ބޭފުޅުން އެކަމަށް އެއްބަސްވެ ވަޑައެއް ނުގެންނެވިއެވެ. ބޮޑު ކެމްޕެއިނަކަށް ފަހު ނެގި އެ ވޯޓުގެ ނަތީޖާދައްކާގޮތުން ރިޔާސީ ނިޒާމެއް ބޭއްވުމަށް ވޯޓް ދިނީ 95،619 މީހުންނެވެ. އެއީ ވޯޓްލި އާބާދީގެ 62 ޕަސެންޓެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން ވޯޓް ދިނީ 58،504 މީހުންނެވެ. އެއީ ވޯޓްލީ އާބާދީގެ 37.9 ޕަސެންޓެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން ބޮޑު ޕަސެންޓެއް އޭރު ވެސް ބޭނުންވީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ.

ރައީސް މުހައްމަދު ނަޝީދު: ބަރުލަމާނީ ނިޒާމެއް ގެންނަން އެމަނިކުފާން ކުރައްވާ މަސައްކަތާ އެހެން ހުރިހާ ލީޑަރުން ދެކޮޅު-- ސަން ގްރެފިކްސް: އަލީ ޝާހީން

ބަރުލަމާނީ ނިޒާމެއް ގެނައުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ވާހަކަ މިހާރު މާގަދަ ވެފައި މިވަނީ ސިޔާސީ ގޮތުން ޑިމޮކްރެޓްސްއަށް ލިބުނު ފުރުސަތަކާއެކުއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓްލި ދެލައްކައަށް ވުރެން ގިނަ މީހުންގެ ތެރެއިން ފަނަރަ ހާސް ވޯޓް ހޯއްދެވި ޑިމޮކްރެޓްސް ދިޔައީ އެ އިންތިޚާބުގެ ތިން ވަނައަށެވެ. ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ ޝަރުތަކަށް އެ ޕާޓީއިން ހުށަހަޅަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށެވެ.

ރައީސް ޞާލިޙް އިއްޔެ އެއްބަސްވެ ވަޑައިގެންފައިވަނީ ރިޔާސީ އިންތިޚާބުގެ ފަހުން ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށެވެ.

އެންމެ ފަހުން އެމްޑީޕީއިން މިވަނީ ހަތިޔާރު ބަހައްޓައި ދޫދީފައެވެ. ނަމަވެސް ސުވާލަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރާ ހިސާބަށް ރާއްޖޭގެ ކަންތައްތައް ހިނގައްޖެތޯއެވެ؟

އެންމެ ބޭފުޅެއްގެ އެދުމަށް ވޯޓެއް ނަގަން ޖެހޭތަ؟

ނިޒާމާ ބެހޭ ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބާ މިއަދު ސުވާލު ކުރުމުން ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން އެފަދަ ވޯޓެއް ނެގުމަށް ތައްޔާރުވުމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށާއި އެކަމަށް 40-50 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ބޮޑު ހޭދައެކެވެ. ހާއްސަކޮށް ރިޔާސީ އިންތިޚާބު ބޭއްވުމަށް މިހާ ބޮޑު ހަރަދެއް ކޮށްފައިވާ އަހަރެއްގައި އަނެއްކާ ކުރަންވީމައި މާބޮޑު ހަރަދަކަށްވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވިގެން އުޅޭތަން ފެންނަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މީހުންނަށް އެކަންޏެވެ. އެއް ބޭފުޅަކަށް އެންމެ ގިނަ މީހުން ތާއީދު ކުރާ ރައީސް ޔާމީން ވެސް ވިދާޅުވަނީ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރެއްވިނަމަ ވެސް ރާއްޖެއަށް އެ ނިޒާމް ގެންނަން ރަނގަޅު ނޫން ކަމަށެވެ. ނިޒާމް ބަދަލު ކުރުމާގުޅޭގޮތުން މަޝްވަރާ ކުރުމަށް ނަޝީދު ޖަލަށް ވަޑައިގަންނަވަން އެދި ހުށަހެޅުމުން ވެސް ޔާމީން އެކަމަށް ފާޅުގައި ވަނީ ދެކޮޅު ހައްދަވާފައެވެ.

ބަރުލަމާނީ ޕެޓިޝަނުގެ ޓީމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާއެކު މަޝްވަރާކުރަނީ -- ފޮޓޯ/ ނިޝާން އިބްރާހީމް

ރައީސް ޞާލިޙަށް ބަލާއިރު އެ މަނިކުފާން ވެސް ވިދާޅުވެފައިވަނީ ކަމުދަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ދެހާސްހަތް ވަނަ އަހަރު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ އެއީ ޕާޓީގެ ނިންމުން ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙާއި ރައީސް ޔާމީންގެ ތާއީދު ނެތި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ އިތުރުން އެހެން ސިޔާސީ އިސް ބޭފުޅުން ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. އެހެންކަމުން އިންތިޚާބަކަށް ދިޔަނަމަވެސް އެންމެ ތިންހާސް މެމްބަރުން ހިމެނޭ އަދި އިންތިޚާބުން ހަތް ޕަސެންޓް ވޯޓް ލިބުނު ޑިމޮކްރެޓްސް އެކަނި މަސައްކަތްކޮށްގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނެ ތަނެއް ނުފެނެއެވެ.

"އެހާ ބޮޑު ހަރަދެއް ކޮށްގެން އެފަދަ ވޯޓެއް ނަގަން ޖެހޭނީ ރައްޔިތުންގެ ތެރޭގައި އެފަދަ އިހުސާސެއް ވަރަށް ބޮޑަށް އޮވެގެން ދެއްތޯ؟ ހަމަ ކުޅޭކުޅޭ ކަމަކަށް ކުރާ ކަމަކަށް އެކަން ވެގެން ނުވާނެ." މަޖިލީހުގެ ކުރީގެ މެންބަރަކު ވިދާޅުވިއެވެ.

އެ ބޭފުޅާ ވިދާޅުވިގޮތުގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލު ކުރަން ރައްޔިތުން ބޭނުންވެފައި ތިބި ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުމުގައި ގަބޫލު ނުކުރެވޭ އެތައް ކަމެއް ހިމެނެއެވެ.

"ރައީސް ނަޝީދުގެ ފަރާތުން އުޅުނު ދެއްތޯ ކުރިން ޕެޓިޝަންތަކެއްގައި ސޮއިކޮށްގެން. އެކަން ކުރި މީހާ ބުނި އެއްލައްކަ ސޮއި ހަމަކޮށްފީމޭ ނިޒާމް ބަދަލު ކުރަން. އެހެން ވިއްޔާ އެ އެއްލައްކަ މީހުން ކީއްވެތަ ރައީސް ނަޝީދަށް ތާއީދު ނުކުރީ މިފަހަރު ވެސް؟ ނަޝީދު ވިދާޅުވި ދެއްތޯ އެމަނިކުފާނަށް ތާއީދު ކުރާ 39،000 މީހުން އެމްޑީޕީގެ ދަފްތަރުން އުނިކުރިއްޔޭ. އެކަމަކު ޕްރައިމަރީގައި ނަޝީދަށް ލިބުނު ވޯޓްގެ އިތުރަށް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ފަސްސަތޭކަ ވޯޓް ދޯ އިތުރަށް ލިބުނީ. އެހެންވީމައި އެ ދައްކާ ވާހަކައަކާ އެއްގޮތަކަށް ނޫން ދެއްތޯ ރައްޔިތުންގެ އިހުސާސް އޮތް ކަމަކަށް ގަބޫލު ކުރެވެނީއެއް."

ގާނޫނީގޮތުން ވެސް އެތައް ސުވާލެއް؟

ގައުމެއްގެ ތަރައްގީއަށް އެންމެ މުހިންމީ ހަމަޖެހުމެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ އޭރަށެވެ. އޭގެ ބަދަލުގައި ސިޔާސީ ގޮތުން އަބަދު ހަލަބޮލި ކަމެއްގެ ތެރޭގައި އުޅެންވެއްޖެނަމަ އެ ތަރައްގީއަށް ހުރަސް އެޅޭނެއެވެ. މަޖިލީހުގެ މެޖޯރިޓީއޮތް މިހާރުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ރިޔާސީ އިންތިޚާބަށްފަހު ނިޒާމީ ވޯޓެއް ނަގާނަމަ ދެން އޮތީ ގާނޫނީ ގޮތުން ކުރިމަތިވާނެ ހުރަސްތަކެކެވެ.

އާ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މަޝްހޫރު ގާނޫނީ ވަކީލް އަޙްމަދު މުއިއްޒު ވިދާޅުވާގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ފަހުން ނިޒާމީ ވޯޓެއް ނަގާނަމަ އެކަމުގައި ގާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ގާނޫނުއަސާސީ އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާ މި އިންތިޚާބު ކުރަނީ ރިޔާސީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާއަށް. އެހެންވީމައި ރައްޔިތުން އެގޮތަށް ނިންމީމައި ދެން އަނެއްކާ ރައްޔިތުންގެ ވޯޓެއް ނަގައިގެން ގާނޫނުއަސާސީ އެހެން ގޮތަކަށް ބަދަލު ކުރުމަކީ ގާނޫނީ ގޮތުން އެތައް ސުވާލުތަކެއް ކުރިމަތި ވާނެ ކަމެއް." މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން އިންތިޚާބުކުރި ރައީސަކީ ބަރުލަމާނީ ރައީސަކަށް ހަދައިފައި އެހެން ކަހަލަ ވެރިކަމުގެ ނިޒާމެއް ގެނައުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭނެ ކަމެއް."

ގައުމެއްގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމަކީ ހެދުން ބަދަލު ކުރާހެން ކުރާ ކަންތައްތަކެއް ނޫނެވެ. އެކަމުގެ ހެއްކަކަށް ޑިމޮކްރެޓިކް ގައުމުތައް ފުދެއެވެ. އެގޮތުން 1787 ވަނަ އަހަރު އެމެރިކާ އުފެދުނީއްސުރެ ހިންގަމުން އަންނަނީ ފެޑެރަލް ވެރިކަމުގެ ނިޒާމެއްގެ ދަށުންނެވެ. ފެޑެރަލް ސަރުކާރާއި އޭގެ އޮނިގަނޑު ގާއިމުކުރި އެމެރިކާގެ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށީ އެ އަހަރު އެވެ. އެހެންކަމުން މި އަހަރާ ހަމަޔަށް، ފެޑެރަލް ސަރުކާރެއްގެ ދަށުން އެމެރިކާ ހިންގަމުން އަންނަތާ ގާތްގަނޑަކަށް 236 އަހަރު ވެއްޖެއެވެ. އިންޑިއާ މިހާރު އެ ހިންގާ ނިޒާމުން ވެރިކަމުގެ ކަންކަން ކުރިއަށް ގެންދާތާ 73 އަހަރުވެއްޖެއެވެ. އެގައުމުތަކުގެ އާބާދީއަށް އެތައް މިލިއަން މީހުންނެއް އަހަރަކަށް ފަހު އަހަރެއް އިތުރުވި ނަމަވެސް އިރުއިރުކޮޅާ ނިޒާމް ބަދަލު ކުރަން އެގައުމުތަކަކުން ނޫޅެއެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައަކީ ނިޒާމުގެ މައްސަލަތޯއެވެ؟ ތަރައްގީ ނުވަނީ ރިޔާސީ ނިޒާމުގެ ސަބަބުން ނޫންކަން ރައީސް ޔާމީންގެ ވެރިކަމުގައި އެވަނީ ސާފު ކޮށްދީފައެވެ. ރާއްޖެ އެހާތަނަށް ނުދެކޭފަދަ ތަރައްގީގެ މަޝްރޫއުތައް އެ ސަރުކާރުން ގެނައީ ފަސް އަހަރު ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކޮށްގެންނެވެ. ދެން އޮތީ ހަމަނުޖެހުމާއި ހުދުމުހުތާރު ކަމެކެވެ. މި ސަރުކާރުގެ ފަސް އަހަރަކީ މި ރާއްޖެ މިފަހުން ދުށް ސިޔާސީ ގޮތުން އެންމެ އަމާން ދުވަސްތަކެވެ. އަސާސީ ހިދުމަތްތައް ދިނުން ހިމެނޭހެން އެތައް މަޝްރޫއުއެއް އެބަ ހިންގައެވެ. ހަމަ އެކަން އެ ކުރަނީ ރިޔާސީ ނިޒާމުގެ ތެރެއިންނެވެ. ރައީސް ނަޝީދު ވެރިކަމުގެ މެދެއްހާ ހިސާބުން އިސްތިއުފާ ދެއްވީ ކޮންމެހެން ނިޒާމުގެ މައްސަލައަކުންނޭ ބުނެވޭކަށް ނެތެވެ.

ރާއްޖެއަށް މުހިންމީ ސިޔާސީ ހަލަބޮލިކަމަށް ވުރެން ތަރައްގީއެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު ނޫނީ ނިޒާމު ގޯސްވެގެނެއް ނޫޅެއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް އެހެން ޕާޓީތަކުން ތާއީދެއް ވެސް ނުކުރެއެވެ. އެހެންވެ، އެންމެ ފަހުން ބޭއްވި އިންތިޚާބުން ހަތް ޕަސެންޓް ލިބުނު ޑިމޮކްރެޓްސްއިން އެކަނި އުޅެގެން ނިޒާމް ބަދަލު ކުރަން ރައްޔިތުން ރުހޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން 50 މިލިއަން ހަރަދުކޮށްގެން އެފަދަ އިންތިހާބެއް ބާއްވަން ޖެހޭ ސަބަބެއް ކޮބާތޯއެވެ؟ އެކަން ކުރަން ޖެހޭ އެއްވެސް ހާލަތެއް އޮތް ކަމަކަށް ނުފެނެއެވެ.

comment ކޮމެންޓް