އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން އޭސީސީއަށް ތިން މައްސަލައެއް

ގުރައިދޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ފޮއްޓަށް މީހަކު ވޯޓުލަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅިގެން ސީދާ ސިޔާސީ ޕާޓީތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވަނީ ތިން މައްސަލައެއް ކަމަށް އޭސީސީން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބާ ގުޅިގެން އޭސީސީއަށް ލިބިފައި ވަނީ ޖުމްލަ 32 ޝަކުވާ ކަމަށެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިހުތިޞާސްގެ ތެރޭގައި ނުހިމެނޭ ހަތަރު މައްސަލައެއް އިންތިޚާބާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް އީސީން، އޭސީސީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

މީގެ ކުރިން އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއް ތަހުގީގު ކުރާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދިން ގޮތާއި ގުރުއަތުލުން ކުރިއަށް ދިޔަ ގޮތާ ގުޅޭ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތާ ގުޅުން ހުރި މައްސަލަތައް ހިމެނޭކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.

އިންތިޚާބީ މައްސަލަތަކާ ގުޅިގެން އީސީން މީގެ ކުރިން ބުނީ އެންޓި ކެމްޕެއިން ކުރުމުގެ ދެ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައި ވާކަމަށެވެ. އަދި، އެ މައްސަލަތަކަށް ބަލާ އެ ކޮމިޝަނުން ޖަވާބު ދީފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

މީގެ އިތުރުން އިންތިޚާބާ ގުޅިގެން 51 ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ހަބީބް ވިދާޅުވީ، މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކެމްޕޭނު ކުރުމާ ގުޅޭ ތިން މައްސަލައަކާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާ ގުޅޭ 10 މައްސަލައެއް ކަމަށެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށާއި ރިޝްވަތު ދޭކަމަށް އިދިކޮޅު ޕާޓީތަކުން އެކި ފަހަރުމަތިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި، މިކަމުގެ ސަބަބުން މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނޭ ކަމަށް ވެސް އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން ބުނެފައި ވެއެވެ.

comment ކޮމެންޓް