ރައީސް ދެއްވާ ޔަގީން ކަމަކީ ދައުލަތުގެ ލޯ ލާރިއެއްގަ ވެސް ނުޖެހޭނެ ކަން

މާފަންނުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ދައުލަތުގެ ލޯ ލާރީއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, ކޮރަޕްޝަނުގެ ތުހުމަތެއް ނުވަތަ ޝައްކެއް ވެސް ވާ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ބެލުމުގެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށެވެ.

"ދައުލަތުގެ ލޯ ލާރިއެއްގަ ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދު ވެސް ބައްލަވަންވީ އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭގަ ތުހުމަތުކުރާނެ ކަމެއް ވެސް ނޯންނާނެ ކަން," ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމާ ދެމަދަށް 12 ވަރަކަށް ދުވަސް އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ފުރަތަމަ ބުރުގައި ކަން ހިނގާ ދިޔަ ގޮތާ މެދު ކޮންމެ މީހަކު ވެސް ވިސަނާލަން ޖެހޭ ކަމަށެވެ.

ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހާ ހަމައަށް މެދު ނުކެނޑި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭނުންވާ ނަތީޖާ ނުނިކުތުމުން ދެން ކުރަން ޖެހެނީ ކޮން ކަމެއްތޯ ވެސް ބަލާ ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މާފަންނުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ ---- ސަން ފޮޓޯ

"ހަމަ ގައިމު ވެސް ކޮންމެސް ކަންތައްތަކެއް އަޅުގަނޑުމެނަށް ކުރަންވީ ގޮތަށް ނޫން ގޮތަކަށް ނޫނިއްޔާ ނުކުރެވި އޮތުމުގެ ސަބަބުން އަޅުގަނޑުމެނަށް ދެވަނަ ބުރަކަށް އަންނަން މި ޖެހުނީ. މިއީ ވަކި ވަކި ބޭފުޅުން މީގެ ޒިންމާ މުޅިން ނަގަންވީ ކަމެއް ނޫން. އަޅުގަނޑުމެން އެންމެން އެކީގަ މި ޒިންމާ ނަގަން ޖެހޭނީ," ރައީސް ޞާލިހް ވިދާޅުވިއެވެ.

ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ ދެން ވެއްޓެންއޮތް އަނދަވަޅާ ދޭތެރޭ ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.

"މިއަދު މިތަނުން އަޅުގަނޑުމެންނަށް ކުރިން ނުފެންނަ އެތައް މޫނެއް އެބަ ފެނޭ. ސަބަބަކީ އެއީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއް ނުވޭ އެނބުރި އެ ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް ދާކަށެއް," ރައީސް ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި ގައުމަށް ވެރިވެފައިވާ އަނިޔާވެރިކަމާއި ބިރުވެރިކަން ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ, މަގުމަތީގައި ވަޅި ހަރަހައި މީހުން މަރާލުމަކީ އޭރު އާންމު ކަމެއް ކަމަށެވެ.

"ސިޔާސީ ކޮން ލީޑަރަކަށްތޯ ހަރަކާތްތެރިވެވުނީ. ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ލީ ޖަލަށް. ފުރުސަތެއް ނެތް. ވިޔަފާރިވެރިން އުޅެން ޖެހުނު ހާލު ނިކަން ވިސްނާލައްވަބަލަ. އާދޭސްކޮށް ސަލާން ޖެހައިގެން ނޫނީ އެއްވެސް ކަމެއް އޭރު ކުރެވޭކަށް ނެތް," ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް އެދިވަޑައިގަތީ މި މަހުގެ އެންމެ ފަހު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ އެކަންތައްތަކާ މެދު ފުންކޮށް ވިސްނާލުމަށެވެ.

comment ކޮމެންޓް