ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް އޭނާގެ ކެމްޕޭން ތަރުޖަމާނު މުޙައްމަދު ތޮލާލް ވިދާޅުވިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ، ޑރ. މުއިއްޒުގެ ވެރިކަމެއްގައި އެއްވެސް އެއްބަސްވުމެއް ރައްޔިތުންނަށް ސިއްރު ނުކުރާނެ ކަމަށެވެ.
"ވެރިކަމާ ހަވާލުވެ ޑރ. މުއިއްޒު އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި އެއްބަސްވުންތައް ބަލާ ދިރާސާ ކުރައްވާ އެ އެއްބަސްވުންތައް އާންމުކުރެއްވުމުގެ ކަންތައްތައް ކުރައްވާނެ،" ތޮލާލް ވިދާޅުވިއެވެ.
ކޮންމެ އެއްބަސްވުމެއް ވެސް ގާނޫނީ ހަމަތަކުގެ މަތިން ހާމަކުރެވެން އޮތް މިންވަރަކުން ރައްޔިތުންނަށް ހާމަކޮށްދީ، ގާނޫނުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"ހުރިހާ އެއްބަސްވުމެއް އާންމުކުރައްވާނެ. އެހެން މި ދަންނަވަނީ ގާނޫނީ ގޮތުން އެނގެންޖެހޭ ފަރާތްތަކަށް އެބަ އެނގެންޖެހޭ. މިސާލަކަށް ރައްޔިތުންގެ މަޖިލީހަށް ވެސް އަންގަންޖެހޭ ކަންކަން އަންގާފައެއް ނުވޭ. ގާނޫނުގަ އެބަ ބުނޭ އެކަހަލަ އެއްބަސްވުމެއް ހަދާކަމަށް ވާނަމަ ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެ ކަމަށް. އެ މިންވަރަށް ވެސް އެކަން ނުކުރައްވާތީ އަޅުގަނޑުމެންގެ ޝަކުވާއަކީ،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް މިގޮތަށް ވިދާޅުވެފަ ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކުރާ މައްސަލައިގެ އިތުރުން ޗާގޯސް މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅަށް އިޝާރާތްކުރައްވައެވެ. އިދިކޮޅުން އަންނަނީ ތަކުރާރުކޮށް މިކަންކަން ސިއްރުނުކޮށް ހާމަކުރުމަށް ގޮވާލަމުންނެވެ.
އެހެންނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެ ހުރިހާ ކަމެއް ވެސް ގާނޫނީ ހަމަތަކުގެ މަތިން ހާމަކުރެވެން އޮތް މިންވަރަށް ހާމަކޮށްދެއްވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"ވެރިކަމަށް އައުމަށްފަހު އޮފީހަށް ވަންނަވާ އެންމެ ފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގަ އެކަން އޮންނަވާނެ އެމަނިކުފާނުގެ ލިސްޓުގައި،"