މި މަހު 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ދަ ޑިމޮކްރެޓްސްއިން އަަމަލުކުރާނެ ގޮތުގެ ރަސްމީ ނިންމުމެއް މިރޭ ނިންމައި ހާމަކުރާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.
އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު 'ސަން'އަށް ވިދާޅުވީ މިރޭ 21:00ގައި އޮންނަ ޑިމޮކްރެޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއިންވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. އެ ޕާޓީން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އޭނާއެވެ. އެއީ 15،839 ވޯޓެވެ. ނުވަތަ ހަތް ޕަސެންޓެވެ.
ދެވަނަ ބުރަށް އެ ޕާޓީއަށް ނުދެވުނުއިރު ދެވަނަ ބުރުގައި އިންތިޚާބުގެ ނަތީޖާ އަންނަ ގޮތެއްގައި އެންމެ މުހިންމު ދައުރެއް އަދައިކުރާނެ ޕާޓީއަކަށް ވާނީ ދަ ޑިމޮކްރެޓްސްއެވެ.
އެގޮތުން ދަ ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި ގުޅޭނެ ޕާޓީއެއް ނިންމުމުގެ ކުރިން އެމްޑީޕީ އާއި ޕީޕީއެމާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ
މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅީ މި މަހުގެ 25ވަނަ ދުވަހުގެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް އެއްބަސްވުމަށެވެ. އެއީ މި ވަގުތު އެ ބާރު ރައީސުލްޖުމްހޫރިިއްޔާގެ އަތްޕުޅުގައި އޮތުމުންކަމަށް އެ ޕާޓީން ބުނެއެވެ.
ޕީޕީއެމަށް ވެސް ހުށަހަޅަނީ ހަމަ އެ ކަމެވެ. އެއީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވުމެވެ. ޕީޕީއެމާއެކު މަޝްވަރާތައް ފެށި ނަމަވެސް އެ މަޝްވަރާތައް މަޑުޖެހުނީ ޕީީޕީއެމުން ޑިމޮކްރެޓުންނާއެކު ރަސްމީ ލިޔުމެއްގައި ސޮއިކޮށްގެން ކުރިއަށްދާން ބޭނުން ނުވުމުންނެވެ.
އެއާއެކު ދެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅުކުރެއްވީ މާފުށީ ޖަލަށް ވަޑައިގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި އެ މަނިކުފާނާ މަޝްވަރާކޮށް، ޔާމީންގެ ރައުޔު އެކަމާމެދު ހޯއްދެވުމަށެވެ.
ނަމަވެސް ޔާމީން ވަނީ، ނަޝީދާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވައިފައެވެ. އެހެންކަމުން ބެލެވެނީ އެއީ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތެއް އެކުގައި ނުކުރައްވާނެކަމަށް ޔާމީން ވިދާޅުވި ވިދާޅުވުމެއްގެ ގޮތުގައެވެ.
ޑިމޮކްރެޓުންނަށް ދެން އޮތް ގޮތަކީ ދެ ޕާޓީން އެއްބަސްވާ ހަމަތަކެއްގެ މަތިން އެމްޑީޕީއާއެކު މަސައްކަތްކުރުމެވެ. ނުވަތަ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑީޑޭޓަކަށް ތާއީދު ނުކުރުމެވެ.