ލޯންތައް ރިފައިނޭންސް ކޮށްދޭން ބައެއް ގައުމުތަކުން ފެހި ސިގްނަލް ދީފި: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިނބީގައި ވާހަކަ ދައްކަވަނީ --

ދަައްކަން ހުރި ބޮޑެތި ލޯންތައް ދެއްކުމަށްޓަކައި، ރީފައިނޭންސްކުރުމަށް ބައެއް ގައުމުތަކުން މިހާރު ފެހި ސިގްނަލް ދީފައިވާކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހދ. ކުރިނބީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް އަންނާނީ ރައްޔިތުންނަށް ޚިދުމަތްކުރަންކަމަށާއި ދައުލަތަށް ލިބޭ އާމްދަނީއިން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފުއްދޭނެކަމަށެވެ. އަދި އެ ވަރަށް ކޮންމެ މަހަކު ވެސް ދައުލަތަށް ފައިސާވަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިސް މެނޭޖް ކުރަނީ މި ސަރުކާރުން. މާނައަކީ ކުރަން ނުޖެހޭ ހަރަދު ކުރަނީ. އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ނުދެވެނީ. ފައިސާ ޗާޕުކުރަނީ. މުސާރަ ދިނުމަށް ޓަކައި ލޯން ނަގަނީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ އިގްތިސޯދީ އަސާސްތައް "އެކޮޅުކޮޅުން ޖެހިފައިވާ" ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސް ދައްކަން ހުރި ލޯންތައް ވެސް ދައްކާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ބައެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯންތައް ރި ފައިނޭންސް ކުރެވޭ ގޮތުގެ،" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ކަންކަން ހަމައަކަށް އެޅުވުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އިލްމީ ނަޒަރިއްޔާތުން ބަލަން ޖެހޭ ކަންކަން ބަލައިފައި ނޫނީ އެއްވެސް ވައުދެއް ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިނބީގެ ރައްޔިތުން އެދޭ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ. އެ ގޮތުން، މި ރަށުގެ ބަނދަރު ރައްޔިތުން އެދޭ ގޮތަށް ބޮޑުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް