ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އިޚްތިޔާރު ކުރުމާ ގުޅޭ ވޯޓެއް ނެގުމާ ބެހޭ ގޮތުން ޕީޕީއެމް، ޕިއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މަޝްވަރާ ކުރުމަށް، މާދަމާ މާފުއްޓަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު 'ދޮން މަނިކު ސްކައި ވިއު'ގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ނިޒާމަށް ބަދަލެއް ގެންނަ އިރު ޔާމީނާ މަޝްވަރާ ކުރުން ބޭނުންތެރި ކަމަށެވެ.
"އަޅުގަނޑު މަޖިލީހުގެ އަމީންއާންމު ގާތުގައި ދަންނަވާފައި ވަނޭ މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ނަމަ އެވާހަކައެއް،" ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް ނިންމުމުގެ ގޮތުން އެމްޑީޕީ އާއި ޕީޕީއެމްއާއެކު މަޝްވަރާ ކުރަމުންދާ ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހުންނަވާ ނަޝީދު ވިދާޅުވީ، އަބަދު އެމްޑީޕީން ގޮތެއް ނިންމަން ދެން މަޑުކޮށްގެން ނުތިބެވޭނެކަން އެ ޕާޓީއަށް ސާފު ވާނެ ކަމަށެވެ. އެގޮތުން ޕީޕީއެމް އިން ބުނާ ފަދައިން ޝަރުތަކާ ލައިގެން ނުވަތަ ނުލާ ވިއަސް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ދަ ޑިމޮކްރެޓްސް ގޮތެއް ނިންމަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ވެސް އެބަ ވަގުތު ދެން. އަޅުގަނޑުމެން އެބަ ޖެހޭ ޑެޑް ލައިނެއް ކަނޑައަޅަން. އަޅުގަނޑު ދެކޭ ގޮތުގައި ދެނެއް ނެތް ގިނަ ވަގުތު ދެވޭކަށް. އަޅުގަނޑު އުންމީދު ކުރަން ކައުންސިލުން މިކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ދިވެހިން ވޯޓު ލަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް އަބަދު ވެސް ސަރުކާރު އުފައްދަނީ ގާނޫނު އަސާސީގައި އޮތްގޮތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިކަމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް އެއްބުރުން އަގުލަބިއްޔަތު ނުލިބޭތީ ޖެހެނީ އިއްތިހާދެއް އުފައްދަން ކަމަށާއި އިއްތިހާދު ރޫޅާލާ ހާލަތުގައި ކަންތައް ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނިޒާމީ ވޯޓު ނެގުމުގެ ވާހަކަ ދެކެވޭ އިރު، ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރާ މެދު އަދި ވަކިގޮތެއް ނުނިންމައެވެ.
ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަނޑައެޅީ 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ މީހުން ވޯޓު ދީފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވާށެވެ.
އެ ވޯޓު ނެގި އިރު ރައީސް ނަޝީދާއި ރައީސް ޔާމީން ވެސް ތާއިދު ކުރެއްވީ ބަރުލަމާނި ނިޒާމަކަށް ބަދަލު ކުރުމަށެވެ.
ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ.