އިއްޔެ އެކަނި ވެސް ރީރެޖިސްޓްރޭޝަނަށް 9،000އަށްވުރެ ގިނަ ފޯމް

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ެތރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރެޖިސްޓާ ވުމަށް އިއްޔެ ހުޅުވާލުމާއެކު 9,000އަށް ވުރެ ގިނަ ފޯމް ލިބިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެއީ ހަމައެކަނި އިއްޔެ ފޯމް ލިބިފައިވާ އަދަދުކަމަށެވެ. މީގެ ތެރެއިން 7,000އަށް ވުރެ ގިނަ ފޯމް ލިބިފައި ވަނީ އޮންލައިންކޮށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން މި ފަހަރު މާލެއަށް ރީރެޖިސްޓާ ކުރާކަން ފާހަގަ ވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ރީރެޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފަހު 03:00ގައި ރީރެޖިސްޓްރޭޝަނަށް ހުޅުވާލި އިރު، މިބުރުގެ ރީރެޖިސްޓްރޭޝަން ކުރިއަށް ދާނީ މާދަމާ 03:00އާ ހަމައަށެވެ.

އިއްޔެ "ސަން"އާ ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ، ރީރެޖިސްޓޭޝަންގެ މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ރީރެޖިސްޓްރޭޝަންގެ މުއްދަތުގައި އެންމެން ވެސް ރީރެޖިސްޓާ ވުމަށް ހަބީބް ވިދާޅުވިއެވެ.

މި ފަހަރު ވެސް އޮންލައިންކޮށް ރީރެޖިސްޓާ ވާން ބޭނުންވާ މީހުނަށް އެ ފުރުސަތު އޮތްކަން ހާމަކުރައްވާ ހަބީބް ވިދާޅުވީ، ކޮމިޝަނުގެ ރީރެޖިސްޓްރޭޝަން ޕޯޓަލްއިން ރީރެޖިސްޓާ ވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މާލެ ފިޔަވާ އެހެން ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ރީރެޖިސްޓާ ވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނެ ކަމަށެވެ.

މާލޭގައި ނަމަ، ފޯމް ދޫކޮށް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ އިންތިޚާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ.

ރާއްޖޭން ބޭރު ގައުމަކަށް ރީރެޖިސްޓާ ކުރަން ބޭނުންވާ މީހުނަށް ވެސް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

"ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެ. އެކަމަކު އޯޓީޕީ ދާނީ ދިވެހި ނަމްބަރަކަށް. ދިވެހި ނަމްބަރަކަށް އޯޓީޕީ ފޮނުވައިގެން ވެވޭނެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުން އޮންލައިން ކޮށް ރީރެޖިސްޓާ ވި،" ހަބީބް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ރީރެޖިސްޓާ ވާން ބޭނުން ނަމަ އެމްބަސީތަކުން ވެސް ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 2،82،395 މީހުންނަށެވެ. ނަމަވެސް މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ ޒުވާނުންގެ ތެރެއިން 196 އަންހެނުންނާއި 212 ފިރިހެނުން ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އިތުރު ވާނެއެވެ.

މިއާއެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82،803 މީހުންނަށް އަރާނެއެވެ.

comment ކޮމެންޓް