މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފި

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: މަސް ކިރާ ތަންތަނުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަނީ މަސް ބާނަމުން

ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު މާދަމާއިން ފެށިގެން 25 ރުފިޔާއަށް ބޮޑު ކުރަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި، މަސް ގަންނަ އަގު ބޮޑުކުރީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ ގުޅިގެން ކަމަށެވެ.

މިހާތަނަށް މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން މި ނިންމުން ނިންމާފައި މިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވެސް އެހުމަށް ފަހުކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެ ކުންފުނިން އަންނަނީ މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް ޞާލިޙާއެކު އެމްޑީޕީގެ ލީޑަޝިޕުން މިރޭ ވަނީ މަސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ އެ ނިންމުމާ މެދު އުފާކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ.

ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަކުރެއްވި ކެންޑިޑޭޓުން ވެސް ވަނީ މަސް ގަންނަ އަގު ބޮޑު ކުރަން ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް