ދެ ދުވަހުގެ މަޝްވަރާއަށް ފަހު ރައީސް މާލެއަށް، ޖޭޕީން އަދި ގޮތެއް ނުނިންމާ

މާމިގިލިން ފުރާވަޑައިގަތުމުގެ ކުރިން ގާސިމް އިބްރާހީމާއި ރައީސް ޞާލިޙް އެކުގައި-- ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު ހޯދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ގާސިމް އިބްރާހީމްގެ އަރިހަށް ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި މާލެ ވަޑައިގަންނަވަން ފުރާވަޑައިގެންފިއެވެ.

އިންތިޚާބުގައި 5000 އެއްހާ ވޯޓް ހޯއްދެވި، ގާސިމްގެ އަރިހަށް ރިސޯޓަށް ރައީސް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ ދުވަސް އެމަނިކުފާން ހޭދަ ކުރެއްވީ ގާސިމާ މަޝްވަރާ ކުރައްވަން ސަން އައިލެންޑްގައެވެ.

ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވިގޮތުގައި ގިނަ މަޝްވަރާތައް ކުރެއްވީ ދެ ބޭފުޅުން ވަކިން ތިއްބަވައިގެންނެވެ. ދެވަނަ ބުރާގުޅޭގޮތުން ގާސިމްގެ ނިންމެވުން މިހާތަނަށް ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާސިމް ބޮޑަށް ކަންބޮޑުވުން އޮތީ އިންޑިއާ މައްސަލާގައި. އެހެންވެ ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު [އަބްދުﷲ] ޝާހިދު މެދުވެރި ކުރައްވައިގެން އިންޑިއާއާ އެކު ހަދާފައިވާ އެގްރީމެންޓްތަކުގައި ހުރިކަންކަން ސާފު ކޮށްދިނުން ބޮޑަށް އޮތީ،" އެ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މިއަދު މެންދުރު ފަހު ރައީސް އާއި ރަނިންމޭޓް މުޙައްމަދު އަސްލަމް މާލެ ވަޑައިގަތުމަށް ފުރާވަޑައިގެންނަމަވެސް މިނިސްޓަރު ޝާހިދު އާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ގާސިމް އަރިހުގައި މަޑު ކުރައްވާފައެވެ.

ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އާ އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް، ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މިމަހުގެ 12 ވަނަ ދުވަހު ސަން އައިލެންޑަށް ވަޑައިގެން ގާސިމާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެނގިފައިވާގޮތުގައި ޕީޕީއެމްއިން ހުށަހެޅީ ޝަރުތެއް ނެތި ކޯލިޝަން ހެދުމަށެވެ.

comment ކޮމެންޓް