ދެވަަނަ ބުރަށް ރީރެޖިސްޓާ ވާން ހުޅުވާލައިފި، މުއްދަތު އިތުރެއް ނުކުރާނެ

އިންތިޚާބެއްގައި ވޯޓްލުން ކުރިއަށް ދަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން އެދޭނަމަ ރީރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރީރެޖިސްޓާ ވުމުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހުގެ 03:00އަށް ކަމަށެވެ.

މި ފަހަރު ވެސް އޮންލައިންކޮށް ރީރެޖިސްޓާ ވާން ބޭނުންވާ މީހުނަށް އެ ފުރުސަތު އޮތްކަން ހާމަކުރައްވާ ހަބީބް ވިދާޅުވީ، ކޮމިޝަނުގެ ރީރެޖިސްޓްރޭޝަން ޕޯޓަލްއިން ރީރެޖިސްޓާ ވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މާލެ ފިޔަވާ އެހެން ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ރީރެޖިސްޓާ ވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނެ ކަމަށެވެ.

މާލޭގައި ނަމަ، ފޯމް ދޫކޮށް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ އިންތިޚާބާ ބެހޭ މަރުުކަޒު، ދަރުބާރުގޭގައެވެ.

ރާއްޖޭން ބޭރު ގައުމަކަށް ރީރެޖިސްޓާ ކުރަން ބޭނުންވާ މީހުނަށް ވެސް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

"ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެ. އެކަމަކު އޯޓީޕީ ދާނީ ދިވެހި ނަމްބަރަކަށް. ދިވެހި ނަމްބަރަކަށް އޯޓީޕީ ފޮނުވައިގެން ވެވޭނެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުން އޮންލައިން ކޮށް ރީރެޖިސްޓާ ވި،" ހަބީބް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ރީރެޖިސްޓާ ވާން ބޭނުން ނަމަ އެމްބަސީތަކުން ވެސް ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

ހަބީބް ވިދާޅުވީ، ރީރެޖިސްޓާ ވުމަށް ހުޅުވާލާފައިވާ ވަގުތު ރީރެޖިސްޓާ ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ނުވަތަ ހަމަވާން ކައިރި ވުމުން މުއްދަތު އިތުރު ނުކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވީ 2،82395 މީހުންނަށެވެ. ނަމަވެސް މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ ޒުވާނުންގެ ތެރެއިން 196 އަންހެނުންނާއި 212 ފިރިހެނުން ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އިތުރު ވާނެއެވެ.

މިއާއެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82803 މީހުންނަށް އަރާނެއެވެ.

ގިނަ އަދަދެއްގެ މީހުންނަށް މިއަހަރު ވޯޓު ލުމުގެ ހައްގު ލިބިފައި ވީއިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވި މީހުންގެ 76 ޕަސެންޓު މީހުންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ އަހަރެވެ.

ނިމިދިޔަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދަކަށް ބާތިލް ވޯޓު ވެސް ހިމެނެއެވެ.

comment ކޮމެންޓް