ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓު ލެވޭނެ

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 30ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 2،82395 މީހުންނަށެވެ. މި ލިސްޓަށް އިތުރުކޮށްފައި މިވަނީ މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ ޒުވާނުންނެވެ.

ލިސްޓަށް އިތުރުވާ 408 ޒުވާނުންގެ ތެރޭގައި ހިމެނެނީ 196 އަންހެނުންނާއި 212 ފިރިހެނުންނެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ވާނެކަމަށެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުން ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މިއާއެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82803 މީހުންނަށް އަރާނެއެވެ.

ގިނަ އަދަދެއްގެ މީހުންނަށް މިއަހަރު ވޯޓު ލުމުގެ ހައްގު ލިބިފައި ވީއިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވި މީހުންގެ 76 ޕަސެންޓު މީހުންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ އަހަރެވެ.

ނިމިދިޔަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދަކަށް ބާތިލް ވޯޓު ވެސް ހިމެނެއެވެ.

comment ކޮމެންޓް