ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް: ޑިމޮކްރެޓްސްއިން މިއަދު ވަނީ ޕީޖީ ލީޑަރަކަށް އޭނާ އިންތިޚާބު ކޮށްފައި --- ފޮޓޯ/ މަޖިލިސް

އެމްޑީޕީއާ ޚިޔާލު ތަފާތުވެ ވަކިވި މެންބަރުން އަލަށް އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިޚާބު ކޮށްފިއެވެ.

އާޒިމް އެ މަގާމަށް އިންތިޚާބު ކުރީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 11 މަޖިލިސް މެންބަރަކު ބައިވެރިވި ވޯޓަކުންނެވެ.

މީގެ އިތުރުން ޕީޖީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ މެންބަރަކު ވަނީ ހޮވައިފައެވެ. އެއީ، ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މީގެ އިތުރުން ޕީޖީ ގްރޫޕުގެ އަމީންއާމެއްގެ މަގާމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ހޮވައިފައެވެ. އަދި، ވިޕުގެ މަގާމަށް ހޮވައިފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

އާޒިމް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް މީގެ ކުރިން އަދާކުރައްވައިފައެވެ.

ސިޔާސީ ގޮތުން އެމްޑީޕީގައިި އުފެދުނު ޚިޔާލު ތަފާތުވުންތަކާ އެކު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމް ވަކިކުރީއެވެ. އެއާ އެކު ނަޝީދަށް ތާއީދު ކުރައްވާ ހުރިހާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލައިފައެވެ. އެމްޑީޕީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރެޓްސްއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.

އެހެންވެ، އާޒިމް ދެން ވާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށެވެ.

އެ ޕާޓީން،، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވައިފައެވެ. ފުރަތަމަ ބުރުގައި 15،000 އަށްވުރެ ގިނަ ވޯޓު އިލްޔާސް ހޯއްދެވިއިރު ދެވަނަ ބުރުގައި އެ ޕާޓީން ނިންމާ ނިންމުން ވާނީ ސަރުކާރަށާއި އިދިކޮޅަށް ވެސް މުހިންމު ނިންމުމަކަށެވެ.

މިހާރު ޑިމޮކްރެޓްސްއިން އިދިކޮޅާ އެކު ނުރަސްމީ މަޝްވަރާތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.

comment ކޮމެންޓް