އެމްޑީޕީން އިންތިޚާބަށް އައިޑީ ކާޑު ގަންނަ ވާހަކައަކީ ދޮގެއް: އަނަސް

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަނަސް އަބްދުއްސައްތާރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒަށް ވޯޓުލާނެ ކަމަށް ބެލެވޭ މީހުންގެ އައިޑީ ކާޑު އެމްޑީޕީން ގަންނަމުން ދާ ކަމަށް ބުނެ ދެކެވޭ ވާހަކަ އެ ޕާޓީން ދޮގު ކޮށްފިއެވެ.

ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ކާޑު ވިއްކާނެހެން ހީވާ މީހުންނަށް ގުޅާފައި 20،000 ރުފިޔާގެ އަގެއް އަންނަނީ ހުށަހަޅަމުންނެވެ.

އޭގެ އިތުރުން އައިޑީ ކާޑު ވިއްކާ މީހުންނާބެހޭ މައުލޫމާތު އެއްކުރުމަށް ފަހު، އެ ލިސްޓުގައި ހިމެނޭ މީހުން ނިސްބަތްވާ ދާއިރާތައް ކަށަވަރުކުރުމާއި އެ ދާއިރާތަކުގެ ރައީސުން ނުވަތަ މަޖިލިސް މެންބަރުން މެދުވެރިކޮށް ގުޅުވަމުން އަންނަ ކަމުގައި ވެސް އެ ޚަބަރުގައި ވެއެވެ.

މީގެ އިތުރުން އައިޑީކާޑު ވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް މި ޚަބަރު ވަނީ އެމްޑީޕީގެ ސްޕޯކްސް ޕާސަން އަނަސް އަބްދުއްސައްތާރު ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިލްސިލާކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކައެއް ކަމަށެވެ.

"ސިލްސިލާކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ދޮގު ވާހަކައެއް،" އަނަސް ވިދާޅުވިއެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް 101635، ވޯޓު ލިބިފައިވާއިރު ރައީސް ޞާލިޙަށް ލިބުނީ 86161 ވޯޓެއެވެ.

comment ކޮމެންޓް