ބާތިލް ވޯޓު ކަނޑައަޅަން އެކި މަރުކަޒުތަކުން ގެންގުޅުނު މިންގަނޑު ތަފާތު: އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ގުނިއިރު ބާތިލް ވޯޓާއި ސައްހަ ވޯޓު ކަނޑައަޅަން އެކި މަރުކަޒުތަކުން ގެންގުޅެފައިވާ މިންގަނޑު ތަފާތު ކަމަށް ބުނެ، އޭގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިިލްވެފައިވާކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފާޅުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޗްއާރްސީއެމަަށް ފާހަގަކުރެވުނު ކަންކަން ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ ސައްހަ ވޯޓާއި ބާތިލް ވޯޓު ވަކިކުރުމުގައި އެކި މަރުކަޒުތަކުން އެކި މިންގަނޑުތައް ގެންގުޅެމުން އައިކަން ފާހަގަކުރެވުނުކަމަށެވެ.

އެގޮތުން ބައެއް މަރުކަޒުތަކުގައި ފަވައިލައިފައި ހެޔޮ ފާހަގައެއް ޖެހުމުން ނުވަތަ ސީދަލަށް ޖެހިފައިނުވާ ހެޔޮ ފާހަގަތަކަކީ އެއް ފާހަގައަށްވުރެ ގިނަ ހެޔޮ ފާހަގަކަމަށް ކަނޑައަޅައި ބާތިލް ވޯޓުގެ ގޮތުގައި ގުނައިފައިވާކަމަށް މުނާ ވިދާޅުވިއެވެ.

"މި ފަަހަރު ގިނަ އަދަދެއްގެ ވޯޓު އެ ގޮތަށް، 4،800 ވޯޓު މި ވަނީ ބާތިލް ވޯޓުގެ ގޮތުގައި. އެހެންވީމާ މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން ބޭނުން. އެއީ ފަވައިލައިފައި ދެ ފަހަރު ހުރެއްޖެއްޔާމުން އަޅުގަނޑުމެންނަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް މިސާލަކަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ސްޓެންސިލް ބޭނުންކޮށްގެން އަލަށް މި ވޯޓުލީ،" މުނާ ވިދާޅުވިއެވެ.

އެހެންކަމުން ފަވައިލައިފައި ހުންނަ ވޯޓެއް ބާތިލްކުރާނަމަ އެއީ ލޮލަށް ފެނުމުން މަހުރޫމް މީހުން ލީ ވޯޓު ވެސް ބާތިލް ވޯޓުގެ ގޮތުގައި ގުނިފައި އޮތުމުގެ ފުރުސަތު ބޮޑުކަމެއްކަމަށް މުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް މަރުކަޒުތަކުގައި ވޯޓިން ބޫތާ 10 ފޫޓަށްވުރެ ކައިރިން ފޮޓޯ ނެގިކަން ފާހަގަވިއިރު މަރުކަޒުތަކުގެ އޮފިޝަލުން އެ ކަންކަން ހުއްޓުވައިފައި ނުވާކަން ވެސް ފާހަގަކުރެވިފައިވާކަމަށް މުނާ ވިދާޅުވިއެވެ.

އެ ކަަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނާއެކު މަސައްކަތްކުރަމުން އަންނަކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

ޖުމްލަ ގޮތެއްގައި ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން އެ ދުވަހު ކުރިއަށް ދިޔައީ ފުރިހަމަ އިންތިޒާމެއްގެ ދަށުންކަމަށް މުނާ ވިދާޅުވިއެވެ. އަދި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައީ ވެސް އަމާންކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ހަމަ ތައުރީފްކުރަން ޖުމްލަކޮށް އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތް ރަނގަޅުކަމަށް ޓަކައި،" މުނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިޚާބު އޮބްޒާވްކުރަން ޒިޔާރަތްކުރި ބޭރުގެ ވަފުދުތަކުން ވެސް ވަނީ އިންތިޚާބު ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރުވަނީ އިއުލާންކޮށްފައެެވެ. ފުރަތަަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ހޯދިފައިނުވުމުން ދެވަނަ ބުރެއް މި މަހުގެ 30ވަނަ ދުވަހު އޮންނާނެއެވެ.

ދެވަނަ ބުރުގައި ވާދަަކުރަައްވާނީ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

comment ކޮމެންޓް