އެކުވެރިއެއް ކަމަށް ބުނެ ހަމަލާދިން ގައްބަރޭ ދޫކޮށްލަން ޒަރީރު ގޮވައިލައިފި

މެންބަރު ހަސަން ޒަރީރާއި އޭނާއަށް ހަމަލާދިންކަމަށް ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަބްދުﷲ އިބްރާހީމް (ގައްބަރޭ) ދޫކޮށްލަން ޒަރީރު ގޮވާލައްވައިފިއެވެ.

ގައްބަރޭ ދޫކޮއްލުމަށް ފުލުހުން ގާތު އެދި ޒަރީރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ގައްބަރޭއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

މިކަމާ ގުޅިގެން ޒަރީރުގެ ބަހެއް ހޯދާލުމަށް "ސަން"އިން ގުލާލުމުން އޭނާ ވިދާޅުވީ، އެ ޓްވީޓަކީ ރަނގަޅު ޓްވީޓެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު އެއްޗެއް ބުނަން ނެތްކަމަށް ޒަރީރު ވިދާޅުވިއެވެ.

ގައްބަރޭ ހައްޔަރު ކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.

އެއަށް ފަހު މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ ބަންދު ކުރީ ކުށަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވާތީއެވެ.

ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި، އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

އެއަށް ފަހު މިދިޔަ މަހުގެ 18ވަނަ ދުވަހު އޭނާ އަލުން ހައްޔަރު ކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އޭނާ އަކީ 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2010 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.

comment ކޮމެންޓް