ބޭބެ މަރާލި މަވާޒަށް 12 އަހަރުގެ ޖަލު ހުކުމެއް

ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ހުސެއިން މަވާޒު --- ފޮޓޯ/ސޯޝަލް މީޑިއާ

އައްޑޫ ސިޓީ، މަރަދޫ ފޭދޫގައި މިދިޔަ ޖޫން މަހު ހުސެއިން މަވާޒް އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި އޭނާ 12 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 31ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަވާޒު ވަނީ ކުށަށް އިއުތިރާފުވެ، އެ ހާދިސާ ހިނގި ގޮތް ތަފުސީލުކޮށް ކިޔައިދީފައެވެ. އަދި, އެކަމާ ދެރަވާ ކަމަށާއި މިހާރު ތައުބާވެފައިވާ ކަމަށް ވެސް ބުނެފައެވެ.

އެއާ އެކު، އެ އަޑުއެހުމުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ މިއަދުގެ ނިންމުމުގައި ވަނީ އެ މައްސަލައިގައި މަވާޒާ އެކު ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ކަަމަށެވެ.

އެ އެއްބަސްވުމުގައިވާ ގޮތަށް، ކުށުގެ އުގޫބާތެއްގެ ގޮތުން މަވާޒަށް ކުރާނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައިވެއެވެ. ނަމަވެސް އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ތިން މަހާއި 16 ދުވަހުގެ ހުކުމެއް ކަމަށް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދުގެ ނިންމެވުމުގައިވެއެވެ.

މީގެ އިތުރުން ކުށުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

އައްޑޫގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން "ސަން"އަށް އެނގިފައިވާ ގޮތުގައި މަވާޒް އޭނާގެ ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް