އިންތިޚާބާ ދިމާކޮށް ހުޅުމާލެއިން ގޯތި ދިން ގޮތުގެ މައްސަލައެއް އޭސީސީން ބަލަނީ

އޭސީސީއިން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ހުޅުމާލެއިން ގޯތި ދިން ގޮތުގެ މައްސަލައަކާއި ކޮރަޕްޝަންގެ 56 މައްސަލައެއް ހިމެނޭކަމަށް އޭސީސީން ބުނެފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނުގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ ވިދާޅުވީ، މި މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގެ ތަހުގީގު ކުރަން ޖެހޭ ކަމަށް ފެންނާތީ މިހާރު ތަހުގީގީ މަރުހަލާ ފަށާފައި ވާކަމަށެވެ. އޭގެތެރޭގައި ހުޅުމާލެއިން ގޯތި ދިން ގޮތާއި ގުރުއަތުލުން ކުރިއަށް ދިޔަ ގޮތާ ގުޅޭ މައްސަލައެއް ވެސް ބަލަމުން ދާކަމަށް ނިޝާން ވިދާޅުވިއެވެ.

އޭސީސީއަށް ލިބިފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތާ ގުޅުން ހުރި މައްސަލަތައް ހިމެނޭކަމަށް ނިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅަމުން ދާކަމަށެވެ.

"ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމުގައި ވާތީ ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" ނިޝާން ވިދާޅުވިއެވެ.

އިންތިޚާބީ މައްސަލަތަކާ ގުޅިގެން އީސީން މީގެ ކުރިން ބުނީ އެންޓި ކެމްޕެއިން ކުރުމުގެ ދެ މައްސަލައެއް އީސީއަށް ލިބިފައި ވާކަމަށެވެ. އަދި އެ މައްސަލަތަކަށް ބަލާ އެ ކޮމިޝަނުން ޖަވާބު ދީފައި ވާކަމަށް ވެސް އީސީން ބުންޏެވެ.

މީގެ އިތުރުން އިންތިޚާބާ ގުޅިގެން 51 ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައި ވާކަމަށް އީސީން ވަނީ ބުނެފައެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި ސިޓީ އަދި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ، މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކެމްޕޭނު ކުރުމާ ގުޅޭ ތިން މައްސަލައަކާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން ރަޖިސްޓްރޭޝަންއާ ގުޅޭ އަށް މައްސަލައާއި، އޮފިޝަލުންނާ ގުޅޭ 11 މައްސަލައާއި ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލައެއްގެ އިތުރުން ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލައެއް އަދި، އެހެނިހެން ދެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށާއި ރިޝްވަތު ދޭކަމަށް އިދިކޮޅު ޕާޓީތަކުން އެކި ފަހަރުމަތިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނޭ ކަމަށް ވެސް އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން ބުނެފައި ވެއެވެ.

comment ކޮމެންޓް