ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ގުޅޭ ޕްރޮގްރާމެއް

ޓްރީޓޮޕް ހޮސްޕިޓަލުގެ ލޮބީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ގުޅޭ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 1:00އާ ހަމައަށް ކަމަށެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިންގެ ސިއްޚަތަށް ތަރުބިއްޔަތު ކުރުވުމައްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ޓްރީޓޮޕުން ބުނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ ދިނުމާ ބެހޭ ގޮތުންނާއި ވިހެއުމުގެ ކުރިން ކަސްރަތު ކުރުމުގެ އިތުުރުން ރިހުން މެނޭޖު ކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މި މައުލޫމާތު ފޯރުކޮށްދޭ ސެޝަންތައް ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ އަދި ފިޒިއޮތެރަޕީގެ އިތުރުން ނާސިންގެ މެޑިކަލް އެކްސްޕާޓުން ކަމަށެވެ.

އެ ޕްރޮގްރާމަށް ކޮންމެ މަހަކު ވެސް 30 ޖާގައެއް ދޭނެއެވެ. އެ ޖާގަތައް ފުރޭ ފަހުން ޕްރޮގްރާމަށް ވަންނަން އެދިއްޖެ ނަމަ އެމީހަކަށް ގުޅައި، ކުރިއަށް އޮތް މަހަށް އެ މީހަކު ބޭނުންވާނަމަ ސްލޮޓެއް ހަމަޖައްސައިދޭނެ ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންޓެކްޓް ސެންޓަރު 3351610އަށް ގުޅުމުން، ނުވަތަ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް ބޭނުންކޮށްގެން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

comment ކޮމެންޓް