އަޅުގަނޑާއެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ، ރައީސަކާއެކު ކޮރަޕްޓު މީހުން އުޅޭނަމަ ރައްޔިތުން އިތުބާރެއް ނުކުރާނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަރިސް ބޭފުޅުންނާއެކު ޕީއެންއެފްގެ ޖަލްސާއެއްގައި -- ފޮޓޯ/ ޗެނަލް 13

އެމަނިކުފާނާ އެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ ކަމަށާއި ރައީސަކާއެކު، ކޮރަޕްޓު މީހުން އުޅޭނަމަ ރައްޔިތުން އިތުބާރެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ޕީއެންއެފުން ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ތަފާތުވަނީ ކީއްވެތޯ ރައްޔިތުން ވަޒަން ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލަކަށް ވަޑައިނުގެން ޔާމީން ވިދާޅުވީ، އެ މަނިކުފާނާއެކު ކޮރަޕްޓު މީހުންނަކަށް ނުޅޭވޭނެ ކަމަށެވެ.

ރައީސް ޔާމީނާއެކު ނޫޅޭނެ ކޮރަޕްޓު މީހުނެއް އިނގޭތޯ. ބޮޑުވަރަކަށް ބުނަން އޮންނާނީ އަދީބުގެ ވާހަކަ. އެނގުނު ހިސާބުން ހަމަ ސައްޕު ޖެހީ ދެއްތޯކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެ މަނިކުފާނު އެ އިޝާރަތްކުރެއްވީ، ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައަށެވެ. އަދި އޭރު ޔާމީންގެ ވެރިކަމުގައި ނައީބު ރައީސަކަށް ހުންނެވި އަޙުމަދު އަދީބުގެ މައްސަލައަށެވެ. އެ މައްސަލައިގެ ކުށް އަދީބުގެ މައްޗަށް ސާބިތުވެފައި ވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނާއަށް ވަނީ މައާފު ދީ ޖަލު ބަންދުން މިނިވަން ކޮށްދެއްވާފައެވެ.

އެ މައްސަލައިގައި މިދިޔަ މެއި 15ގައި ސޯލިހު ވިދާޅުވީ، އަދީބަށް މައާފު ދީ މިނިވަން ކުރި ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

https://sun.mv/222045

ޔާމީން ވަނީ، އެ ކަމާ ގުޅިގެން ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން، ރައީސް ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަށައިގެން އުޅުއްވަނީ ކޮރަޕްޓު މީހުން ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ. އަދި އެ ބޭފުޅުން އެ ކަން ކުރައްވަނީ، ކޮރަޕްޓު މީހުންގެ ކިބައިން ރައީސުން ވެސް މަންފާއެއް ބޭނުންފުޅުވާތީ ކަމަށް ތުހުމަތުކުރެއްވިއެވެ.

ކީއްވެގެންތޯ ފަޒުލް ރަޝީދާ މުއާޒް މުހައްމަދު ރަޝީދާ އެންމެންގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު ވެސް މި ސަރުކާރާއި ސޯލިހުގެ ސަރުކާރަށް ވެސް ފިޔަވަޅެއް ނޭޅުނީ. އެއީ ވެރި މީހާއަށް އޭގެ ރާހަތެއް ކުރާތީ ނޫންތޯކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވި ގޮތުގައި، ވެރިންގެ އެންމެ ގާތުން އިސް ސަފުގައި ގެންގުޅުއްވާ މީހުންނަކީ ކޮރަޕްޓު، ނާގާބިލު ބައެއް ނަމަ، ރައްޔިތުން އެ ވެރިންނަށް އިތުބާރެއް ނުކުރާނެއެވެ. އަދި، ރަނގަޅު އެއްވެސް ކަމެއް އެ ވެރިން ކޮށްދެއްވާނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔާމީން އެ ފަދައިން ވާހަކަދެއްކިވިއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަ މަހަށް ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

https://sun.mv/223348

އަންނަ މަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ، އެ މައްސަލައިގެ ބައެކެވެ.

އޭގެއިތުރަށް، ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައެއް ވެސް ހައި ކޯޓުގައި އެބައޮތެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަހަރެއްހާ ދުވަސް ފަހުން މިދިޔަ ޖަނަވަރީ 20ގައި ވަނީ ދެވަނަ ފަހަރަށް ނިންމާލާފައެވެ.

ޕީއެންއެފުން ބޭއްވި ޓައުންހޯލް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، އެމަނިކުފާނުގެ އަރިހުގައި ކޮރަޕްޓު މީހުން ނޫޅޭނެކަމަށް ވިދާޅުވެފައެވެ. އަދި ވެރިންގެ ގާތުގައި ކޮރަޕްޓު މީހުން އުޅޭނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެކަން ފާހަގަކުރައްވައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަށައިގެން ތިބީ ކޮރަޕްޓު މީހުންކަމަށް ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައާފުދެއްވުމުން އެކަމަށް ފާޑުވިދާޅުވެ، ވެރިންނަށް މަންފާވާތީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަމަށް ވިދާޅުވިއެވެ. މި ދަނޑިވަޅަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އަދި އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ހައިކޯޓުގައި ހިނގަމުންދާ ދުވަސްވަރެކެވެ.

  • ރައީސް ޔާމީންގެ އަރިހުގައި ކޮރަޕްޓު މީހުން ނޫޅޭނެކަމަށް ވިދާޅުވުން.
  • ރައީސް ސޯލިހާއި ރައީސް މުއިއްޒުގެ އަރިހުގައި ކޮރަޕްޓު މީހުން އުޅޭކަމަށް ތުހުމަތުކުރެއްވުން.
  • އަހުމަދު އަދީބަށް މައާފުދީ މިނިވަންކުރުމުން އެކަމަށް ފާޑުވިދާޅުވުން.
  • ވެރިން ކޮރަޕްޓު މީހުން ގެންގުޅެނީ އޭގެ މަންފާ ވެރިންނަށް ކުރާތީކަމަށް ތުހުމަތުކުރެއްވުން.
  • ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކޯޓުތަކުގައި ކުރިއަށްދިއުން.
comment ކޮމެންޓް