އިއްޔެ ދޮންދޫންޏެކެވެ. މިއަދު މުސަޅެކެވެ. މާދަމާ ކޮންމެވެސް ކާނާއެއްގެ އޮށެވެ. މިއީ ދައްކާދައްކާ ކޮޅުން ނުލާ ވާހަކައެކެވެ. ސްކޫލަށް ގެންދަން ބުނާ އެއްޗިއްސާއެކު ބެލެނިވެރިން މިހާރު ރަތަށް ގޮސްފިއެވެ.
މިކަމާ ގުޅިގެން އެކި ވާހަކަތައް އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި ދެކެވެއެވެ. މިއީ ބެލެނިވެރިން ވަރަށް ކަންތައް ބޮޑުވާ މައްސަލައެކެވެ. މިފަދަ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ފެންމަތި ވެފައެވެ. މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ވާގޮތުން އޭނާގެ ދަރިފުޅު ސައިންސް ގަޑިއަށް ސްކޫލަށް ގެންދަން ޖެހުނީ ދޫންޏެއް ނުވަތަ މަހެކެވެ. އަދި ކަންޒު ކަހަނބެއް ނުވަތަ މުސަޅެއް ވެސް ގެނެވިދާކެ ކަމަށް އެ މެސެޖުގައި ވެއެވެ. މި ތަކެތި ސްކޫލަށް ގެންނަ އިރު ކޮއްޓަކަށް ލައިގެން ގެނައުމަށް އިރުޝާދު ދީފައި ވެއެވެ.

މި މެސެޖު ފޭސްބުކްގައި ހިއްސާކޮށް އެމީހާ ސުވާލު ކޮށްފައި ވަނީ ބަކައްޓެއް ގެނައުމުން އެންމެ ރަނގަޅު ތޯއެވެ. އަދި މި މެސެޖު ލިބުނީ ރަށުން ފުރައިގެން އެހެން ތަނަކަށް ދިޔަ ފަހުން ކަމަށާއި މި ޖެހުނީ ޝިކާރައަށް މީހަކު ފޮނުވަން ކަމަށް އޭނާ ލިޔެފައި ވެއެވެ. އޭނާ މިހެން ބުނީ ކޮންމެހެން މީހަކު ޝިކާރައަށް ފޮނުވައިގެން ބަކައްޓެއް ހޯދާކަށް ނޫނެވެ. ނަމަވެސް، މިކަމުގެ ތަކުލީފު ހާމަކޮށްދިނުމަށެވެ.
"ބެލެނިވެރިން ކުރަންޖެހޭ، ނަގަންޖެހޭ އެހެން ޒިންމާތައް ހުންނާނެކަން، ހޭވެރިކަން ނުވާބަޔަކު ތައުލީމީ ދާއިރާއަށް ނުވަނުން އެންމެ ރަނގަޅީ،" ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ ބުނެފައި ވެއެވެ.
ގިނަ ބައެއްގެ ނުރުހުން
މިއީ ގިނަބަޔަކު އަބަދު ވެސް ނުރުހުން ފާޅު ކުރާ ކަމެކެވެ. އަދި މި ޕޯސްޓު ހިއްސާކޮށް ގިނަ ބަޔަކު ވަނީ އެމީހުންގެ ހިޔާލު ފާޅު ކޮށްފައެވެ.
އެގޮތުން މީހަކު ލިޔެފައި ވަނީ، ކޮންމެ ހަފުތާއަކު ވެސް ކޮންމެވެސް އެއްޗެއް އެއްކޮށްގެން ސްކޫލަށް ގެންދަން އަންގާކަމަށެވެ. އަދި ސްކޫލަށް ގެންދަން ބުނާ އެއްޗެހީގެ ޚަރަދު ކުޑަ ނޫންކަމަށާއި މިއީ މިހާރު ތަކުލީފަކަށް ވެއްޖެކަމަށް އޭނާ ލިޔެފައި ވެއެވެ. އޭނާ ބުނީ މިއީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެންމެ ކުއްޖަކަށް ވެސް ގިނަ ޚަރަދުތަކެއް ކުރަން ޖެހޭއިރު ގިނަ ކުދިން ގެންގުޅޭ މީހުން މާބޮޑު ޚަރަދެއް ކުރަން ޖެހޭނެކަމަށް އޭނާ ބުނެފައި ވެއެވެ.

ގިނަ ބަޔަކު ބުނެފައިވާ ގޮތުން މިފަދަ އެއްޗެއް ގޭގައި ނުގެންގުޅޭ ނަމަ ޖެހެނީ ގަންނާށެވެ. އެގޮތުން އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި، ގޭގައި މިފަދަ އެއްޗެއް ގެންގުޅޭ ކުއްޖަކު މިފަދަ އެއްޗެއް ގެނައުން އެއީ މައްސަލައެއް ނޫނެވެ. އަނެއް ބަޔަކު ބުނަނީ ޓީޗަރުން އެފަދަ އެއްޗެއް ހޯދައިގެން ގެނެސްފި ނަމަ މާ ފަސޭހަ ވާނޭކަމަށެވެ.
"ލިބޭ ކުދިން ގެންނަން ބުނުން، ނޫނީ ޓީޗަރު އަމިއްލައަށް ގެނައުން އަސްލު ރަނގަޅު ގޮތް ކަމަށް ފެނޭ. ހުރިހާ ކުދިންނަކީ ދޫނި އެއްޗެހި "ޕެޓް" ގޮތަށް ގެންގުޅޭ ކުދިންނެއް ނޫން. އަދި ބުނާހާ ވަގުތަކު ގަންނާނެ ތަނަވަސްކަން ހުންނާނެ ކުދިންނެއް ވެސް ނޫން،" މިކަމާ ގުޅިގެން ފޭސްބުކްގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވެއެވެ.
މިކަމުގައި ޓީޗަރުންގެ ޚިޔާލު
ފޭސްބުކްގައި މިފަހުން ދައުރުވި ޕޯސްޓުގައި ގިނަ އަދަދެއްގެ ޓީޗަރުން ވެސް ވަނީ އެމީހުންގެ ޚިޔާލު ފާޅުކޮށްފައެވެ.
އެގޮތުން އެމީހުން ބުނާގޮތުގައި ސްކޫލަށް މިފަދަ އެއްޗެހި ގެންގޮސްގެން ކިޔަވައިދޭ ފިލާވަޅުތަކަކީ ކުދިން ވަރަށް ގަޔާވާ މަޖާ ފިލާވަޅު ތަކެކެވެ. އަދި އެއީ އެކުދިންގެ ވިސްނުމާއި އުޅުން ކުރިއެރުވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށް ވެސް ޓީޗަރަކު ބުނެފައި ވެއެވެ.
އޭނާ ބުނެފައި ވަނީ މިފަދަ ކަންކަމަށް ބެލެނިވެރިންގެ ފަރާތުން އެންމެ އެދެވޭ ތަރުހީބު ނުލިބޭ ކަމަށެވެ. އަދި ސްކޫލަށްދާ މަގުމަތީ ފަތެއް ބިނދެލައިގެން ގެންނަން އެދުނު ނަމަވެސް ގިނަ ބެލެނިވެރިން ޝަކުވާ ކުރާކަމަށް އޭނާ ބުނެފައި ވެއެވެ.
"ފްލެމިންގޯއެއް ނުވަތަ ބޮޑު މަހެން ގެންނަން ބުނި ނަމަ އެކަމެއް ނުވާނެ. އެކަމަކު މާލޭގެ ގިނަ ގޭގޭގައި މީހުން މަސް އަދި ދޫނި ގެންގުޅޭ،" އެހެން ޓީޗަރަކު ބުނެފައި ވެއެވެ.

އޭނާ ބުނީ މިފަދަ ދިރޭ އެއްޗެހި ގެންގޮސްގެން ނަގައިދޭ ފިލާވަޅުތަކުން ދަރިވަރުންނަށް އެތައް އެއްޗެއް ދަސްވާކަމަށެވެ. އަދި ބެލެނިވެރިންގެ މާލީ ހާލަތު ހުރި ގޮތުން ނުވަތަ އެއްޗެއް ނުލިބިއްޖެ ނަމަ ޓީޗަރުން އެކަން ބަލައިގަންނާނޭ ކަން ޔަގީންވާކަމަށް އޭނާ ބުނެފައި ވެއެވެ.
"ޓީޗަރަކީ ވެސް އިންސާނެއް. އޭނާއަށް ވެސް މިކަންކަން އެނގޭނެ. ނުގެނެވޭނަމަ ޓީޗަރާ މިކަމާ ވާހަކަ ދެއްކުމުން ހައްލުވާނެ،" އޭނާ ބުނެފައި ވެއެވެ.
މިކަމުގައި އެކި މީހުން ދެކޭ ގޮތް ތަފާތެވެ. ނަމަވެސް މިއި ބެލެނިވެރިންނަށް ތަކުލީފަކަށް ވެފައިވާ ކޮޅެއްގައި ޖައްސަން ޖެހިފައިވާ މައްސަލައެކެވެ.