ކޯލިޝަން ހަދަން ދެ ޕާޓީން ދައުވަތު ދީފި، އަދި ވަކި ގޮތެއް ނުނިންމަން: ފާރިސް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވި ފާރިޝް މައުމޫން --

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ދައުވަތު ދީފައިވާ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވި އަހްމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ.

ކަން މިހެން އޮއްވާ ފާރިސް ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިޙު އާއި ޑރ. މުއިއްޒުގެ ފަރާތުން ދައުވަތު ލިބިފައިވާ ކަމަށެވެ.

ފާރިޝް ވިދާޅުވީ ދެ ކެންޑިޑޭޓުންނަށް ވެސް އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ހުށަހަޅައިގެން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށާއި އެ ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާރިޝް މައުމޫނަށް ލިބުނީ 2،979 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް، މުޙައްމަދު މުއިއްޒަށް 101635، ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބުނީ 86161 ވޯޓެއެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް، 15839 ވޯޓު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، 6343 ވޯޓު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް، 5460 ވޯޓު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނާޒިމް، 1907 ވޯޓު، އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލް، 327، ވޯޓު ވަނީ ހޯއްދަވާފައެވެ.

comment ކޮމެންޓް