މަސްލަހަތަށްޓަކައި ނަޝީދާއި، އީވާގެ މައްސަލަ ނަގަން ނިންމަފި

މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ --- ސަން ގްރެފިކްސް/ އަލީ ޝާހީން

މަސްލަހަތަށް ބަލައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބް ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން އެމްޑީޕީން ނިންމައިފިއެވެ.

ޖުމްލަ 54 މެންބަރުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް މިހާތަނަށް އައި އިރު އެ މައްސަލަ އެޖަންޑާނުކޮށް ދިގު ދެންމުމަށްފަހު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް 'ސަން' އަށް ވިދާޅުވީ, މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގުމަށް ޕާލަމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން މިރޭ ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުންނާއި އަދި ރިޔާސީ އިންތިހާބުގެ މެދު ތެރޭގައި ހުރުމާއެކު މަޖިލިސް އިތުރަށް ހަލަބޮލިނުވެ ތަންކޮޅެއް ސުމޫތުކޮށް ގެންދެވޭނެ މަގެއް ހޯދުމަށް އެ މައްސަލަ އަނބުރާ ގެންދަން ނިންމީ," އިތުބާރު ނެތް ކަމުގެ މައްސަލަ ނެންގެވި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަސްލަމް ވިދާޅުވިއެވެ.

ދެ ރައީސުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްކޮށް ހުށަހަޅާފައި އޮތުމުން އޭގެ ތެރެއިން އެކެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް މީގެ ކުރިން ނަޝީދު އައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ, ދެ ރައީސުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމުމުގައި ނަޝީދު މީގެ ކުރިން އެދިފައިވާތީ އެކަމަށް ރިއާޔަތް ކުރެއްވި ކަމަށެވެ. އަދި އުންމީދު ކުރަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދާނެ ކަމަށް ކަން އަސްލަމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު އައެވެ.

ދެވަނަ ދައުރުގައި މަޖިލީހުން އެޖެންޑާ ކޮށްފައިވާ ގިނަ މަސައްކަތްތައް ނުނިމުނު ނަމަވެސް ޖަލްސާތައް މެދުކެނޑި، މަރުތަޅަކަށް ދިޔައީ އެމަނިކުފާނާއި ކޮއްކޯފުޅު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ހުރަސް އަޅުއްވަން ނަޝީދު އަޑީގައި ހުންނަވައި ކުރެއްވި މަސައްކަތުން ކަމަށް ތުހުމަތުކޮށްފައެވެ. އެއާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދާފައެވެ.

comment ކޮމެންޓް