ޔާމީންގެ މެސެޖެއް: މުއިއްޒަަށް އިތުރު ތާއީދު ދެއްވާ ދެވަނަ ބުރު ކާމިޔާބުކޮށްދެއްވާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން މުހައްމަދު މުއިއްޒު -- ފޮޓޯ/ އަވަސް

ދެވަނަ ބުރެއްގައި އިތުރު ތާއީދު ހޯއްދަވައިދެއްވާ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރު ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަަޑައިގަންނަވައިފިއެވެ.

ރައީސް ޔާމީނުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު, ޔާމީނާ ބައްދަލުކުރެއްވުމަށްފަހު, ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒަށް އިތުރު ތާއީދުދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަންކުރަން ހެޔޮ ފުރުސަތެއް،" ރައީސް ޔާމީނާ ހަވާލާދީ ޖަމީލު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ލިބިފައި ނުވުމާ އެކުއެވެ.

ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ވޯޓުލީ މީހުންގެ 46 އިންސައްތަ ވޯޓާ އެކު އެންމެ ބޮޑު ތާއީދެއް ހޯދާފައިވަނީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒެވެ. ދެވަނައަށް ގޮސްފައިވަނީ 39 އިންސައްތަ ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް