ރިބާތް (10 ސެޕްޓެމްބަރު 2023): މިދިޔަ ހުކުރު ދުވަހުގެ ރޭ މަޣްރިބްއަށް އައި ނުރައްކާތެރި ބިންހެލުމުގައި ބައެއް ވިލެޖްތައް އެއްކޮށް ފުނޑުފުނޑުވެ ބިމާ ހަމަވެފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.
މަޣްރިބުގެ މީޑިއާތައް ހާމަކުރާގޮތުގައި އެގައުމުގެ މެދުތެރޭގައިވާ ބޮޑު ސިޓީއެއްކަމަށްވާ މަރާކިޝްގެ ކައިރީގައިވާ ފަރުބަދަމަތީ ސަރަހައްދުގެ ދެތިން ވިލެޖްގެ ހުރިހާ އިމާރާތްތަކެއް އެއްކޮށްވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ. އެ ވިލެޖްގެ ބައެއް އާއިލާތައް އެއްކޮށް މަރުވެފައިވާއިރު ބައެއް އާއިލާތަކުން ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ.
އުތުރު އެފްރިކާގެ އަރަބި ގައުމެއްކަމަށްވާ މަޣްރިބްއަށް އައި ބިންހެލުމުގައި މަރުވިމީހުންގެ އަދަދުވަނީ 2100 އަށްވުރެ މައްޗަށް ގޮސްފައެވެ. ޒަޚަމްވި މީހުންގެ އަދަދުވެސް ތިންހާހަށް އަރައެވެ. މަޣްރިބުގައި އޮތީ ހިތާމަ ފާޅުކުރުމާއި މަރުވި މީހުން ވަޅުލުމާއި ޒަޚަމްވި މީހުންނަށް ފަރުވާދިނުމާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ މީހުން އެތަންތަނުން ނެގުމުގެ މަސައްކަތެވެ.
މީގެއިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މަޣްރިބުގެ ރަސްގެފާނު މުހައްމަދު ހަވަނަ ވަނީ ޝާހީ ގަރާރަކުން ހިތާމަފާޅުކުރުމަށް ތިން ދުވަސް ކަނޑައަޅައި އެކަން އިއުލާނުކުރައްވާފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ގެންދަނީ އިންސާނީ އެހީގެ ތަކެތި މަޣްރިބަށް ފޮނުވަމުންނެވެ. މީގެތެރޭގައި ބޭހާއި ރަޖާ އާއި ފޭލިގެތަކާއި ކާބޯތަކެއްޗާއި ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމަށް ބޭނުންވާ މީހުންނާއި ތަކެތި ހިމެނެއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މަޣްރިބުގެ ސިފައިން ކުރަން ފަށާފައިވާއިރު އެކަމުގެ ހުނަރާއި ތަޖުރިބާއާއި އެކަމަށް ބޭނުންވާ ސާމާނު މަދުކަން ފާހަގަ ކުރެވެއެވެ. މަޣްރިބް އަކީ އާންމުކޮށް ބިންހެލުން އަންނަ ގައުމަކަށް ނުވާތީ މިކަމުގެ ތަޖުރިބާ އެގައުމުގައި މަދުކަންވަނީ ފާހަގަ ކުރެވިފައެވެ.
އާންމުކޮށް ބިންހެލުންތައް އަންނަ ތުރުކީއާއި އީރާން ފަދަ ގައުމުތަކަކީ މިކަމުގެ ތަޖުރިބާއާއި ޓީމުތަކާއި ސާމާނު ހުރި ގައުމުތަކެވެ. މިގައުމުތަކުންވަނީ މިކަމުގައި މަޣްރިބްއަށް އެހީތެރިވާނެކަން ހާމަކޮށްފައެވެ.
މިއީ މިފަހުގެ ތާރީޚެއްގައި މަޣްރިބްއަށް އައި ނުރައްކާތެރި އަދި އެންމެ ގެއްލުންބޮޑު ބިންހެލުމެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 6.8 ގެ ބާރުމިނުގައި ކަމަށް ވިޔަސް ބިން ހެލުމުގެ މަރުކަޒު ހުރީ ބިމުގެ ސަތަހާ ގާތް ހިސާބެއްގައި އެހާ ފުނުގައި ކަމަށްނުވާތީ ބިންހެލުމުގެ ބާރުމިނަށް ވުރެ ލިބުނު ގެއްލުންތައް ބޮޑުކަން ވަނީ ފާހަގަ ކުރެވިފައެވެ.