މޮރޮކޯއަށް ބާރުގަދަ ބިންހެލުމެއް، 290އަށް ވުރެ ގިނަ މަރު

މޮރޮކޯއަށް ރޭ އައި ބިންހެލުމުގައި އިމާރާތެއް ވެއްޓި، ކާރަކަށް ގެއްލުންވެފައި --

މޮރޮކޯއަށް ރޭ ބާރުގަދަ ބިންހެލުމެއް އައިސް، ގާތްގަނޑަކަށް 300 މީހުން މަރުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ 6.8 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުން އައީ، ރޭ އެ ގައުމުގެ ގަޑިން 23:11ގައި ކަމަށެވެ. އެ ބިންހެލުން އައިސްފައި ވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސިޓީއެއް ކަމަށްވާ މަރަކަޝްއާ 72 ކިލޯމީޓަރު ދުރުން، 18.5 ކިލޯމީޓަރުގެ އަޑިއަށެވެ.

މޮރޮކޯގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި އެ ބިންހެލުމުގައި މިހާތަނަށް 296 މީހުން މަރުވެ، 153 މީހަކަށް އަނިޔާވެފައިވެއެވެ.

މޮރޮކޯގެ ސިފައިން ވަނީ އެ ބިންހެލުމަށް ފަހު އާފްޓާޝޮކްތައް އައުން އެކަށީގެންވާ ކަމަށް ބުނެ، ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން 840،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މަރަކަޝްގައި އިމާރާތްތައް ވެއްޓި، އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވެއެވެ. އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.

މޮރޮކޯއަށް މިހާ ގެއްލުން ބޮޑު ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2004ގައެވެ. އެގޮތުން 6.3 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 600އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

comment ކޮމެންޓް